ވިޔަފާރި

މާރުކޭޓު ގޮޅިތައް އިތުރުކޮށް، އުޞޫލު ވަރަށް އަވަހަށް އާއްމުކުރާނަން - މޭޔަރ ސިފާ


ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ ޢަދަދު އިތުރުކޮށް، ގޮޅިތައް ދޫކުރުމާގުޅޭ އުޞޫލުތައް ވަރަށް އަވަހަށް އާއްމުކުރާނެކަމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ ސައިޒާމެދު ކައުންސިލް މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، ސިޓީ ކައުންސިލްގެ މިހާރުގެ ވިސްނުންހުރީ އެތަނުގައި ޖާގައޮތް މިންވަރަކުން ވީހާވެސް ގިނަ ގޮޅި ދޫކުރަންކަމަށެވެ. އަދި އެކަން ޕްލޭނިންގ މިނިސްޓްރީއާއި، ސިޓީ ކައުންސިލް ގުޅިގެން މިހާރު ކުރަމުންދާކަމަށާއި، މާރުކޭޓް ތަރައްޤީކުރުމުގެ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

ދަތުރުވެރިންގެ މާރުކޭޓް ތަރައްޤީކުރުމަށް އެތަން ބަންދުކޮށްފައިވަނީ މިދިޔަ އޯގަސްޓްމަހުގެ ތެރޭގައެވެ. މާރުކޭޓުގެ ގޮޅިތައް އިތުރުކުރުމަށް ސިޓީ ކައުންސިލުން ނިންމާފައި މިވަނީ ދަތުރުވެރިންގެ މާރުކޭޓް ތަރައްޤީކޮށް ނިމޭއިރު އެތަނުގައި ހުންނަ ގޮޅިތައް މަދުވާނެކަމަށް ކުރިން ބުނެފައި ވަނިކޮށެވެ. އެގޮތުން އެތަނުގައި ހުންނާނީ 63 ގޮޅިކަމަށާއި ގޮޅިތަކުގެ ބޮޑުމިނުގައި ހުންނާނީ 8 ފޫޓާއި 10 ފޫޓްކަމަށް ސިޓީ ކައުންސިލުން ހާމަކުރުމުން ގޮޅިތަކުގެ ސައިޒާމެދު ސިޓީ ކައުންސިލްގެ މެންބަރުންނާއި، ވިޔަފާރިވެރިންނާއި ދެމެދު ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

މޭޔަރ ސިފާ ވިދާޅުވީ، ދަތުރުވެރިންގެ މާރުކޭޓުގައި ގޮޅިތައް ހިންގުމުގެ އުޞޫލު އެކުލަވާލުމުގެ މަސައްކަތް އެކަމަށް ޙާއްސަ ކޮމެޓީއަކުން މިހާރު ކުރަމުންދާކަމަށާއި، މި ހަފްތާގެ ތެރޭގައި އެ މަސައްކަތްވެސް އެއްކޮށް ނިންމާލެވޭނެކަމަށެވެ. އަދި އެކަމާގުޅޭ އުޞޫލުތައް ވަރަށް އަވަހަށް އާއްމުކުރާނެކަމަށްވެސް މޭޔަރ ވިދާޅުވިއެވެ. އަދި ގޮޅިތައް ދޫކުރުމުގައި ވީހާވެސް ދެފުށް ފެންނާނެގޮތަކަށް ކަންކަން ކުރުމަށް ޙާއްސަ އިސްކަމެއްދީފައިވާނެ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ދިވެހިން ބޭނުންކޮށްގެން ގޮޅިތައް ހިންގުމަށް ޝަޢުގުވެރިވާ ވިޔަފާރިވެރިންނާއި މާލޭ ސިޓީ ކައުންސިލުން ދާދިފަހުން ބައްދަލުކޮށް، އެކަމުގައި ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދާފައިވާއިރު، އެ ބައްދަލުވުމުގައިވެސް ވިޔަފާރިވެރިން ވަނީ މާރުކޭޓް ގޮޅިތަކުގެ ސައިޒާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.