ކުޅިވަރު

މޮޅަށް ނުކުޅެވުނަސް މޮޅުވުމުން ހިތްހަމަޖެހޭ: ކްލޮޕް


ކޮންމެ މެޗެއްގައި މޮޅަށް ނުކުޅެވޭނެ ކަމަށާއި ނަމަވެސް މެޗުން މޮޅުވުމުން އޭނާ ހިތްހަމަ ޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އޭނާ މިހެން ބުނީ ރޭ ކްރިސްޓަލް ޕެލަސް އަތުން ރަށުން ބޭރުގައި 2-1އިން މޮޅުވި މެޗަށް ފަހު އެވެ.

ލިވަޕޫލްގެ ކުރީގެ ކޯޗު ރޯއި ހޮޖްސަން ކޯޗުކޮށްދޭ ޓީމު ކޮޅަށް ލިވަޕޫލް ލީޑް ނެގީ ސާދިއޯ މާނޭ އެވެ. ނަމަވެސް ވިލްފްރެޑް ޒަހާ ޖެހި ގޯލުން އެއްވަރުވެ މެޗު ގެއްލިދާނެހެން ހީވެފައިވަނިކޮށް މެޗު ނިމެން 8 މިނެޓަށްވީ ފަހުން ލިވަޕޫލް މޮޅުކޮށްދިނީ ރޮބާޓޮ ފިރްމީނޯ އެވެ.

"ކޮންމެ މެޗެއްގައި މޮޅަށް ނުކުޅެވޭނެ. އިންޓަނޭޝަނަލް ބްރޭކްތަކަށް ފަހު އަހަރުމެން ރަނގަޅު ޕްލޭނެއް އެކުލަވާލަންޖެހޭ. އެކަމަކު މޮޅަށް ނުކުޅެވުނަސް މެޗުން ތިން ޕޮއިންޓް ލިބުމުން ފުދޭ. އެކަމަކު މިކަހަލަ މެޗުތަކުގައި އިދިކޮޅު ޓީމަށް ފުރުސަތުނުދީ ކުޅެން އަހަރުމެން ތައްޔާޜުވާންޖެހޭ،" 35 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގައި އޮތް ޓީމުގެ ކޯޗު ބުންޏެވެ.

ކްރިސްޓަލް ޕެލަސްގެ ކޯޗު ހޮޖްސަން ބުނީ ޓޭބަލުގެ އެއްވަނަ ޓީމުގެ އަތުން ޕޮއިންޓެއް ހޯދަން އޭނާގެ ކުޅުންތެރިން މަސައްކަތްކޮށް އެކަމުގެ އުފާކުރަން ވެސް ތައްޔާރުވި ކަމަށާއި ނަމަވެސް އެކަން ނުވިޔަސް ކުޅުމާމެދު އޭނާ ހިތްހަމަޖެހޭ ކަމަށެވެ.