ޚަބަރު

ޢިރާޤު ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މުޒާހަރާކުރާ މީހުންގެ ތެރެއިން 4 މީހުން މަރުވެއްޖެ


ހުކުރުދުވަހު ބަޣްދާދުގައި މުޒާހަރާކުރި ފަރާތްތަކާ ދެކޮޅަށް ޢިރާޤުގެ ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން 4 މީހުން މަރުވެއްޖެއެވެ. ފުލުހުން ވަނީ މުޒާހަރާތައް މައިތިރިކުރުމަށް ކަރުނަގޭސް ބޭނުންކުރުމުގެ އިތުރުން ބަޑިވެސް ޖެހިކަމަށް އެއްބަސްވެފައެވެ.

ހުކުދުވަހު މަރުވި 4 މީހުންގެ ތެރެއިން 2 މީހުން މަރުވީ ފުލުހުން ދިން ބަޑީގެ ޙަމަލާތަކުގައިކަމަށާ އަނެއް 2 މީހުން މަރުވީ ކަރުނަގޭހުގެ އަސަރު މާބޮޑަށް ކުރުމުގެ ސަބަބުންކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ޢިރާޤުގެ ބޮޑުވަޒީރު އާދިލް އަބްދުލްމަހްދީގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ހުކުރުދުވަހުގެ މުޒާހަރާތަކުގައި އެކަކުވެސް މަރުވެފައިނުވާކަން ބަޔާންކޮށް ހަތަރު މީހުން މަރުވިކަމަށް ބުނާ ޚަބަރުތައް ދޮގުކޮށްފައެވެ.

މީގެ އިތުރުން، ޢިރާޤުގެ ފުލުހުންވަނީ އެ ޤައުމުގެ ދެކުނުގައިވާ އުންމުގަސްރު ބަނދަރުގެ މައިދޮރާށި ބަންދުކުރުމަށް މުޒާހަރާކުރާ ފަރާތްތަކުން ޖަމާކޮށްފައިވާ ހުރަސްތައް ނައްތާލައި، އެ ބަނދަރު އަލުން ހުޅުވާފައެވެ. ޢިރާޤުގައިވާ ހަމައެކަނި ކަނޑުގެ ބަނދަރުކަމަށްވާ އުންމުގަސްރު ބަނދަރު ބަންދުކުރުމަކީ ޢިރާޤުގެ ސަރުކާރަށް ދަތިކުރުމުގެ ގޮތުން މުޒާހަރާކުރާ ފަރާތްތަކުން ހިންގާ ހަމަނުޖެހުންތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

މީގެ ދެމަސްކުރިން ފެށިގެން ޢިރާޤުގައި ކުރިޔަށްދާ މި މުޒާހަރާތަކަކީ އެމެރިކާ ސިފައިން ޢިރާޤަށް އަރާ، އެ ޤައުމުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލުމަށްފަހު ޢިރާޤުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ހިންގާ އެންމެބޮޑު އިޙްތިޖާޖެވެ. މުޒާހަރާކުރާ ފަރާތްތަކުން އެދެމުންދަނީ ކޮރަޕްޝަން ހުއްޓުވައި ސަރުކާރުން ރައްޔިތުންނަށް ދޭ ޢާއްމު ޚިދްމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދިނުމަށެވެ.

މީގެ އިތުރުން، ޢިރާޤުގެ އިސްވެރިން އިސްތިޢުފާދެއްވުމަށާއި ޢިރާޤުގެ މަޛްހަބްތަކާއި ދަރިކޮޅުތަކުގެ މީހުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ހުއްޓާލުމަށްވެސް މުޒާހަރާތަކުގައި ގޮވާލަމުންދެއެވެ. ޢިރާޤުގެ ސުންނީ އަދި ޝިޔައީ ދަންނަބޭކަލުންވަނީ ރައްޔިތުންގެ މި ގޮވާލުންތަކަށް އިޖާބަދިނުމަށް ސަރުކާރަށް އިލްތިމާސްކޮށްފައެވެ.