ޚަބަރު

ކުޑަކުއްޖަކު ބަލިވެ އިން މައްސަލަގައި ފިޔަވަޅު އަޅަންވަނީ އެދިފައި - ޖެންޑަރ


އުމުރުން 13 އަހަރުގެ ކުޑަކުއްޖަކު ބަލިވެ އިން މައްސަލާގައި ފިޔަވަޅު އެޅުމަށް ރަސްމީކޮށް އެދިފައިވާނޭކަމަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީން މިހެން ވިދާޅުވެފައި ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމަށްފަހު އިއްޔެ ކަނޑަށް އެއްލާލި މީހަކީ 13 އަހަރުގެ ކުޑަކުއްޖަކާ ކައިވެނިކޮށް އެ ކުއްޖާ ބަލިވެ އިން ކަމަށް ބުނާ ވާހަކަތަކެއް ފެންމަތިވެފައިވަނިކޮށެވެ. ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމަށްފަހު ކަނޑަށް އެއްލާލާފައިވަނީ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދެވެ. އޭނާއަށް އައި.ޖީ.އެމް.އެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ޖެންޑަރ މިނިސްޓްރީން ކުރި ޓްވީޓެއްގައި ވަނީ އެ މިނިސްޓްރީއަށް ކުޑަ ކުއްޖަކު ބަލިވެއިންކަމުގެ ރިޕޯޓެއް ލިބުމާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތައް ވަގުތުން ފުރިހަމަކޮށްފައިވާކަމަށެވެ. އަދި މިކަމުގައި ތުހުމަތުކުރެވޭ ބޮޑެތި މީހުންނާމެދު ފިޔަވަޅު އަޅައިދިނުމަށް ތަޙުޤީޤީ އިދާރާއަށް ރަސްމީކޮށް އެދިފައިވާކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ފުލުހުންވެސް އަންނަނީ މި މއްސަލަ ބަލަމުންނެވެ. ފުލުހުން ވިދާޅުވީ 13 އަހަރުގެ ކުޑަކުއްޖަކު ބަލިވެ އިން މައްސަލަ ޖެންޑަރ މިނިސްޓްރީއާއި ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

ލަނޑާ ނަގާ ދޯންޏެއްގައި އިއްޔެ ހިނގި މާރާމާރީގައި 26 އަހަރުގެ އިސްމާއިލް ހައްމާދަށް ވަޅިން ހަމަލާދީފައިވަނީވެސް ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި ހިޔާލުތަފާތުވުން އުފެދިގެންކަމަށްވެއެވެ. ހަމާދަށް ހަމަލާދިން ދޯނީގައި އޭނާއާއި އެކު މަސައްކަތްކުރާ އަނެއް ދެމީހުންނަކީވެސް ހަރުކަށި ފިކުރުގެ ބައެއްކަމަށްވެއެވެ. މި ދޯނީގައި ތިބި މީހުން ހައްޔަރުކޮށްފައިވާއިރު ޒަހަމްކޮށްލި ހައްމާދާއި ދެން ތިބި މީހުންނަކީވެސް ކުށުގެ ރެކޯޑް އޮތް މީހުންނެވެ. އޭގެތެރޭގައި ސިރިޔާއަށް ޖިހާދުކުރުމަށް ދަނިކޮށް ލަންކާ މަގުން ހިފެހެއްޓި މީހަކުވެސް ހިމެނެއެވެ.