ޚަބަރު

ބުރާސްފަތި ދުވަހާއި ހަމައަށްވެސް ވިއްސާރަކުރާނެ - މެޓު އޮފީސް


ރާއްޖެއަށް މިހާރުކުރަމުންދަނީ މޫސުމީ ވިއްސާރަކަމަށާ، މިފެށޭ ހަފްތާތެރޭގައިވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖެ މަތީގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފްއަކާއި ގުޅިގެން އަންނަ ބުރާސްފަތި ދުވަހާއިހަމައަށްވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އުތުރާއި މެދު ރާއްޖެތެރޭގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ. މިދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރުކަމަށްވުމުން އެކި ރަށްރަށް ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

މޫސުމާއި ބެހޭ އިދާރާއިންވަނީ ފާއިތުވި އެކި ގަޑިތަކުގައި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން ހުދު ސަމާލުވެސް ނެރެފައެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވާ ގޮތުގައި އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެއީދާރާއިން ވިދާޅުވެއެވެ.