ޚަބަރު

ހޮންގްކޮންގްގައި ހަމަނުޖެހުން ހިންގިކަމަށް ބުނެ 12 އަހަރުގެ ކުއްޖަކަށް ޙުކުމްކުރަނީ


ހޮންގްކޮންގްގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ހަމަނުޖެހުންތައް ހިންގިކަމަށް ބުނެ 12 އަހަރުގެ ކުއްޖެއްގެ މައްޗަށް ޙުކުމްކުރަން ނިންމައިފިއެވެ.

ޤާނޫނީ ސަބަބުތަކާ ހުރެ ނަން ސިއްރުކޮށްފައިވާ އެ ކުއްޖާގެ މައްޗަށް އުފުލާފައިވަނީ ދަޢުލަތާ ޢާންމުންގެ މުދަލަށް ގެއްލުން ދިންކަމުގެ ދަޢުވާއެވެ. އެ ގޮތުން، އެ ކުއްޖާއަށް ތުޙުމަތުކުރެވެނީ މިދިޔަ މަހު ހިނގި ހަމަނުޖެހުންތަކުގައި ހޮންގްކޮންގްގެ ފުލުހުން މަރުކަޒަކަށާއި ރޭއިލު ސްޓޭޝަނަކަށް ގެއްލުން ދިނުމުގައި ބައިވެރިވިކަމަށެވެ. ހޮންގްކޮންގްގެ ނޫސްތަކުން ބުނާގޮތުގައި އެ ކުއްޖާވަނީ އެ ތުޙުމަތުތަކަށް އެއްބަސްވެފައެވެ. އިއުތިރާފްވެފައި. އެގޮތުން، ކޯޓަށް ހާޒިރުވެ، އަޑުއެހުމުގައި ވާހަކަދައްކަމުން އެ ކުއްޖާވަނީ ކުށެއް ކުރެވުނީތީ ހިތާމަކުރާކަމަށާއި އެކަން އެފަދަ ޢަމަލެއް ކުރެވުނީ ޖަރުބާތުގައި ޖެހިގެން ފޯރީގައިކަމަށެވެ.

އޭނާގެ ފަރާތުން ކޯޓުގައި ވާހަކަ ދެއްކި ވަކީލު ބުނީ ކުށްކުރެވުނީތީ އެ ކުއްޖާއަށް ފިލާވަޅެއް މިހާރު ލިބިފައިވާކަމަށެވެ. އަދި އެ ކުއްޖާގެ ނަންމަތީ ޖިނާޢީ މައްސަލައެއް އޮންނާނެފަދަ ގޮތަކަށް ޙުކުމެއް ނުކުރުމަށްވެސް އޭނާގެ ވަކީލުވަނީ ކޯޓުގައި އެދިފައެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ހޮންގްކޮންގްގައި މުޒާހަރާތައް ކުރަނީ ބައެއް ކުށްވެރިންގެ ޝަރީޢަތް ހިންގުމަށް ޗައިނާއަށް ފޮނުވުމާ ގުޅޭ ބިލެއް އެ ރަށުގެ ސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރުމުންނެވެ. ނަމަވެސް، މިހާރު މުޒާހަރާތައް ބަދަލުވެފައިވަނީ ހޮންގްކޮންގަށް އިތުރު މިނިވަންކަން ދިނުމަށް ގޮވާލާ ކުރާ މުޒާހަރާތަކަކަށެވެ. މުޒާހަރާތަކުގައި އެ ރަށަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން، ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ އަދި ޒަޚަމްވެފައިވެއެވެ.