ޚަބަރު

އައްޑޫ ހައިސްކޫލުގެ ވޭތުވެ ދިޔަ 3 އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި


އައްޑޫހައިސްކޫލުގެ ވޭތުވެދިޔަ 3 އަހަރުގެ ހަތަރު ބެޗެއްގެ އިނާމު ދިނުމުގެ ޙަފްލާ އާއި، މިއަހަރު އެސްކޫލުގެ ގްރެޖުއޭޝަން ޙަފްލާ ބާއްވައިފިއެވެ.

އައްޑޫހައިސްކޫލުން މިއަހަރު 125 ކުދިން ވަނީ ގްރެޖުއޭޓް ވެފައެވެ. ސްކޫލުގެ ގްރެޖުއޭޝަންގެ އިތުރުން ސްކޫލުގެ ވޭތުވެ ދިޔަ 3 އަހަރު ކިޔެވި ހަތަރު ބެޗެއްގެ ކުދިންގެ އިނާމު ދިނުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 2016 ވަނަ އަހަރު ސްކޫލު ނިންމި ބެޗާއި، 2017 ވަނަ އަހަރު ޖޫން މަހު ސްކޫލު ނިންމި ބެޗް އަދި 2017 ވަނަ އަހަރު އޮކްޓޯބަރ މަހު ހައިސްކޫލު ނިންމި ބެޗުގެ އިތުރުން 2018 ވަނަ އަހަރު ސްކޫލު ނިންމި ބެޗުގެ ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ.

ނޫރާނީ ސްކޫލު ހޯލުގައި ބޭއްވި މިޖަލްސާ ޝަރަފްވެރި ކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ޕާރމަނަންޓް ސެކެޓްރީ އަޙްމަދު ޢަލީއެވެ. އައްޑޫ ހައިސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް 2016 ވަނަ އަހަރު ހޮވިފައިވަނީ، 12 ޑީ ގެ ދަރިވަރު ޢާއިޝަތު ހަނާންއެވެ. ދެވަނަ އަށް ހޮވިފައިވަނީ، 12 އޭ ގެ ދަރިވަރު ފާޠިމަތު އުޒެއިބާ އަލީއެވެ. 3 ވަނަ ހޯދީ، މަރިޔަމް ޝާޔާ ލަތީފްއެވެ.

އައްޑޫ ހައިސްކޫލުގެ 2017 ވަނަ އަހަރު ދެބެޗެއް ވަނީ ސްކޫލު ނިންމާފައެވެ. އެގޮތުން ޖޫން މަހު ނިންމި ބެޗުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމު ހޯދީ 12 އޭގެ ދަރިވަރު ފާޠިމަތު ސިބާ ސައީދެވެ. އެބެޗުގެ ދެވަނަ ހޯދީ 12 ޑީގެ ދަރިވަރު ފާޠިމަތު މައިޝާ ނަޞީރެވެ. އެބެޗުން 3 ވަނަ ލިބުނީ 12 އީގެ ދަރިވަރު މަރިޔަމް ސަމާހަތު ހަނީފަށެވެ. ހަމަ އެއަހަރު އޮކްޓޫބަރު މަހު ނިންމި ބެޗުން އެއްވަނަ ހޯދީ، 12 އެޗްގެ ދަރިވަރު ޢާއިޝަތު އާލާ އިޤްބާލެވެ. ދެވަނަ ހޯދާފައިވަނީ، 12 ކޭގެ ދަރިވަރު ޒަމްޢާ ޙުސައިން ނަޞީރެވެ. މިބެޗުން 3 ވަނަ ލިބުނީ 12 އެޗްގެ ދަރިވަރު މަރިޔަމް ޒީބާ މުޙައްމަދަށެވެ.

މިދިޔަ އަހަރު ހައިސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދާފައިވަނީ، 12 ބީގެ ދަރިވަރު ޢާއިޝަތު ސަހާ ރަޝީދެވެ. މިދިޔަ އަހަރު ތިން ދަރިވަރަކު ވަނީ 2 ވަނަ ޙާޞިލް ކޮށްފައެވެ. އެއީ 12 ސީގެ ދަރިވަރު އާމިނަތު ދީނާ އިބްރާހީމް އާއި، 12 ޑީގެ ދަރިވަރު ނަޒާހާ ރަޝީދާއި، 12 ޑީގެ ދަރިވަރު ޢާއިޝަތު ރާހީ ޢަބްދުއްލަޠީފްއެވެ. 3 ވަނަ ލިބުނީ 12 ސީގެ ދަރިވަރު ފާޠިމަތު މާހާ ލުޠުފީއަށެވެ.

މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހުމާން އެޑިއުކޭޝަން މިނިސްޓްރީގެ ޕާރމަނަންޓް ސެކެޓްރީ އަޙްމަދު ޢަލީ ވިދާޅުވީ ވަޒީފާގެ މައިދާނަށް ދަރިވަރުން ނިކުންނަ އިރު، ވަޒީފާގައި ކުރަންޖެހޭ މަސައްކަތަށް ތައްޔާރުވެ ޓެކްނޮލޮޖީއަށް އަހުލުވެރިވެފައި ތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫ ހައިސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް ނަދީމް ވިދާޅުވީ، ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާތައް ނުބޭއްވި ދިޔައީ ސްކޫލުގައި ހޯލެއް ނެތުމާއި. މިފަދަ ކަމަކަށް އެކަށީގެންވާ ތަނެއް ނުލިބުމުން ނެވެ. މިކަމަށް މިހާރު އަޅަން ފަށާފައިވާ ހޯލުގެ ސަބަބުން ލުޔެއް ލިބިގެން ދާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.