ޚަބަރު

ޤަވާޢިދާ ޚިލާފަށް ރުއްގަސް ނެގި މީހަކު 275000 ރުފިޔާއިން ޖޫރިމަނާކޮށްފި


ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ލ. މެންދޫއިން ޤަވާޢިދާ ޚިލާފަށް ރުއްގަސް ނެގުމުން އެރަށް ހަވާލުކޮށްފައިވާ ފަރާތް 275 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ލ. މެންދޫ ދޫކޮށްފައިވަނީ ސ.މަރަދޫ، އަސްރާރުގެ ޙަސަން އާދިލަށެވެ.

އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ނެރުނު ބަޔާނުގައި ލ މެންދޫގައި ދަނޑުވެރިކަން ކުރުމިގެ ގޮތުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބެލުމަށް ރިޕޯޓެއް އެކުލަވާލާ އެ ރިޕޯޓް އެ އެޖެންސީއަށް ރަށް ހިފި ފަރާތުން ހުށައަޅާފައިވާކަމަށެވެ. އެހެންނަމަވެސް މި ރިޕޯޓާއި ހިލާފަށް ރަށުގެ އިރު އުތުރުފަރާތުން ރުއްގަސް ނަގާ 4822 (ހަތަރު ހާސް އަށް ސަތޭކަ ބާވީސް ) މީޓަރުގެ މަގެއް ހަދާފައިވާކަމަށެވެ.

މި އަމަލަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނާއި ހިލާފުކަމަށްކަށްވާތީ އެރަށް ނަގާފައިވާ ފަރާތް ދެ ލައްކަ ހަތްދިހަ ފަސްހާސް ރުފިޔާއިން ޖޫރިމަނާކުރާކަމަށްވެސް އީޕީއޭގެ ބަޔާނުގައިވެއެވެ. އަދި މި ފައިސާ އެއްމަސްދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށްވެސް ރަށް ހިފި ފަރާތައް އީޕީއޭއިން ވަނީ އަންގާފައެވެ.


އީޕީއޭ ޓުއީޓް

ޤަވައިދާ ހިލާފަށް ރުއްގަސް ނަގާ ވިޔާފާރީގެ ބޭނުމަށް ބޭރުކުރަމުންދާ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އަދި މީގެތެރެއިން ބައެއް މައްސަލަތައް ބަލާ އީޕީއޭިއން މީގެކުރިންވެސް ބައެއް ފަރާތްތައް ވަނީ ޖޫރިމަނާކޮށްފައެވެ.

ބައެއް ރިސޯޓްތައް ތަރައްޤީކުރުމަށް ބައެއް ރަށްރަށުން ރުއްގަސް ނަގަމުން އަންނައިރު ރަށްރަށުން ރުއްގަސް ނަގައިގެން ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށްވެސް ވަނީ ހުއްޓުވާފައެވެ. ރަށްރަށުން ރުއްގަސް ނަގާ ފަރާތްތަކުން އެކަން ކުރަމުންދަނީ ތަރައްޤީގެ އެކި މަޝްރޫއުތަކަށް ބިން ބޭނުންވާތީ އެ ބިން ސާފުކުރުންކަމަށް ބުނެއެވެ.