ކުޅިވަރު

ޓްރެއިނިންގ ކޭމްޕަށް ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ޗައިނާއަށް


އަންނަ މަހު ނޭޕާލްގައި އޮންނަ ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ޗައިނާގައި ކޭމްޕްކުރުމަށް އެ ޤައުމަށް ހިނގައްޖެއެވެ.

ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ޗައިނާގައި މި ކުރާ ޓްރެއިނިންގ ކޭމްޕަށްފަހު ގޭމްސްއަށް ނޭޕާލްއަށް ދާނީ ސީދާ ޗައިނާއިންނެއެވެ.

ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ވަނީ ނޮވެމްބަރ މަހުގެ 1 އިން 10 އަށް ތައިލެންޑްގައިވެސް ޓްރެއިނިންގ ކޭމްޕެއް ފުރިހަމަކޮށްފައެވެ.

ޗައިނާއަށް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރެ ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ސުޕުން ވިމާލް ބުނީ، ނޭޕާލްގެ މޫސުމަށް ހޭނުމަށް ޗައިނާގައި ކުރާ ކޭމްޕަކީ ވަރަށް މުހިއްމު ކޭމްޕްކަށް ވެގެންދާނެކަމަށެވެ. އަދި ގޭމްސްގެ ކުރިން ނޭޕާލްގެ މޫސުމަށް ހޭނުމަށް މި ޓްރެއިނިންގ ކޭމްޕްގެ ސަބަބުން ކުޅުންތެރިންނަށް ފަސޭހަވެގެންދާނެކަމަށްވެސް ސުޕުން ބުންޏެވެ. ސުޕުން ބުނީ މި ޓްރެއިނިންގ ކޭމްޕްގައި ޗައިނާގައި 3 މެޗު ކުޅުމަށް ހަމަޖެހިފައިވާކަމަށެއެވެ.

ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމާއެކު ޤައުމީ ފިިރިހެން ބާސްކެޓްބޯޅަ ޓީމުވެސް ޗައިނާގައި ކޭމްޕްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ފިރިހެން ބާސްކެޓްބޯޅަ ޓީމު ވަނީ މިިދިޔަ މަހު ސިންގަޕޫރުގައިގެސް ކޭމްޕްކޮށްފައެވެ.