ޚަބަރު

ކުޅުދުއްފުށީގެ މަގުތަކުގައި ހުރި ބާ އުޅަނދުތައް ނަގަން ކައުންސިލުން އަންގައިފި


ކުޅުދުއްފުށީގައި ބޭނުން ނުކޮށް އެކި ސަރަހައްދުތަކުގެ މަގުތަކަށް ދޫކޮށްލާފައިހުރި ބާ އުޅަނދުތައް ނެގުމަށް ކައުންސިލުން އަންގައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ ރަށުގެ އެކި ސަރަހައްދުތަކުގައި ބޭނުން ނުކޮށް ދޫކޮށްލާފައިވާ ގިނަ އަދަދެއްގެ އުޅަނދު ހުރި ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ވަރަށް ބޮޑަށް ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

މަގުތަކަށް ދޫކޮށްލާފައިވާ އެފަދަ އުޅަނދުތަކުގެ ސަބަބުން މަގުތައް ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވެ މަގުތަކުގެ ރީތިކަން ގެއްލިފައިވާ ކަމަށްވެސް ކައުންސިލުުން ބުނެއެވެ.

އެހެންކަމުން އެފަދަ އުޅަނދުތައް ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުގެ ކުރިން ނަގައި ނިންމަން ވަނީ ކައުންސިލުން އަންގާފަ އެވެ. މިކަމަށް އަމަލު ނުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް އެ އިދާރާއިން ބުނެ އެވެ.

ކުޅުދުއްފުށީގެ އެކި ސަރަހައްދު ތަކުގައި ބާވެ ހަލާކުވެފައިވާ ގިނަ ޢަދަދެއްގެ ވެހިކަލްތައް އެއަރޕޯޓް ސަރަޙައްދުގެ މަގުތަކާއި އެހެނިހެން މަގުތަކުގައި ޕާކް ކޮށްފައި ހުރިކަން ފާހަގަވެއެވެ.