ތަޢުލީމު

ކުދި ސްކޫލުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް 30 ސްކޫލެއްގައި


ކުދި ސްކޫލުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް 30 ސްކޫލެއްގައި ކުރިއަށްގެންގޮސްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނުން މިއަހަރުގެ ޖުލައިމަހުން ފެށިގެން އޮކްޓޯބަރމަހުގެ ނިޔަލަށް، ކޮންމެ ސްކޫލެއްގައިވެސް އެއް ހަފްތާގެ މުއްދަތައް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ޖުމުލަ 609 ޓީޗަރުންނަށާއި، 2608 ދަރިވަރުންނަށާއި، 1486 ބެލެނިވެރިން މި ދާއިރާއަށް އަހުލުވެރި ކުރެވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް ސްޓެލްކޯގެ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އެ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީއެވެ.

މި ޕްރޮގްރާމްގެ ދަށުން ސްކޫލުތަކުގެ ޓީޗަރުންނާއެކު ލެސަންޕްލޭނާއި އައި.އީ.ޕީ ހަދާ، ކޯޓީޗިންގ މޮޑެލް ބޭނުންކޮށް ކިޔަވައިދިނުން ކުރިއަށްގެންގޮސްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އުނގެނުމުގައި ބޭނުންކުރާ ތަފާތު ވަސީލަތްތައް މާހައުލުން ލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރުމުގެ ސެޝަންސްތައް ބާއްވާ، އެތަކެތި ސްކޫލުތަކައް ހަދިޔާކޮށްފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.