ވިޔަފާރި

މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމުން ލިބުނު އާމްދަނީ 4 ބިލިއަން ރުފިޔާއަށް


ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 4 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ ހަފްތާގެ މާލީ ރިޕޯޓުގައިވާގޮތުން މިއަހަރުގެ މިހާތަނަށް ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސްގެ ގޮތުގައި ދައުލަތަށް 4072 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއަހަރު ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައިވަނީ 5039 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ފަތުރުވެރިކަމުން ލިބޭ ގްރީން ޓެކުހުން ދައުލަތަށް މިހާތަނަށް 716 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއަހަރު ތެރޭގައި ގްރީން ޓެކްސް އިން ލިބޭނެކަމަށް ލަފާކުރަނީ 892.7 މިލިއަން ރުފިޔާއެވެ.

އެހެނިހެން ޓެކްސްތަކުން ލިބިފައިވާ އާމްދަނީއަށް ބަލާއިރު ރިސޯޓު ކުލީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއަހަރު ނިމޭއިރު ރިސޯޓު ކުލީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 1.9 ބިލިއަން ރުފިޔާ އެވެ. ބިޒްނަސް ޕްރޮޕަރޓީ ޓެކުހުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 155 ރިސޯޓު، 553 ގެސްޓްހައުސް އަދި 12 ސިޓީ ހޮޓާ ހިންގަމުންދެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިއެރުވުމަށް މަސައްކަތްކުރަމުން އަންނަ ދާއިރާއެކެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން މިދާއިރާއަށް ޚާއްސަކޮށްގެން ގިނަ މަސައްކަތްތަކެއްކޮށްފައިވެއެވެ. އޭގެ ތެރޭގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށްގެންދިޔަ ވޯލްޑް ރިކޯޑް ހަރަކާތްތަކާއި ސްޕެއިންގެ ފުޓްބޯޅަ ކްލަބެއްކަމަށްވާ ސެލްޓަވީގޯ ރާއްޖެއިން ސްޕޮންސަރކުރުން ފާހަގަކޮށްލެވެއެވެ.

ސަރުކާރުން ވަނީ މިއަހަރުގެ ތެރޭ ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށްވެސް އަމާޒުހިފާފައެވެ. އެމްއެމްޕީއާރްސީއިން ބުނީ މިމަހުގެ ތެރޭ މި އަމާޒަށް ވާސިލްވެވި މި އަހަރު ނިމެންވާއިރަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނެވޭނެކަމަށެވެ. މިކަން ހާސިލްވެއްޖެނަމަ މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރި އަހަރަށް ވެގެންދާނެއެވެ.