ޚަބަރު

"ދިވެހި އެންމެންގެ ޕާޓީ" ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަނީ


"ދިވެހި އެންމެންގެ ޕާޓީ" ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން (އީސީ) ދީފި އެވެ. އީސީން ވިދާޅުވީ "ދިވެހި އެންމެންގެ ޕާޓީ" ނަމުގައި އުފައްދާ މި ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ މ. ހުނަރު އަލީ ޝުޖާއު އަށްކަމަށެވެ.

އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަން އީސީން ހުއްދަދީފައިވާއިރު ކުރީގެ ރައީސް މައުމޫން އިސްކޮށް ހުންވައިގެން އުފެއްދުމަށް މަސައްކަތް ކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެޕާޓީގެ ރަޖިސްޓްރީ ސެޓިފިކެޓް މިމަހުގެ 25 ވަނަ ދުވަހު ހަވާލުކުރާނެކަމަށްވެސް އީސީން ވިދާޅުވެއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 9 ސިޔާސީ ޕާޓީއެއް މިހާރުވެސް އެބައޮތެވެ. އިލެކްޝަނަސް ކޮމިޝަނުން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޕާޓީތަކުގެ މެމްބަރުން ތިބި އަދަދަށް ބަލާއިރު މިހާރު އެންމެ މެމްބަރުން ގިނައީ ވެރިކަން ކުރާ އެމްޑީޕީގައެވެ. އެޕާޓީގެ މެމްބަރުންގެ އަދަދަކީ 54302 އެވެ. ދެން އެންމެ މެމްބަރުން ގިނައީ ޕީޕީއެމްގައެވެ. އެޕާޓީގައި 38020 މެންބަރުން އެބަތިއްބެވެ