ސިއްހަތު

ޑެންގޫއިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި


ތިމާއާއި
ތިމާގެ ޢާއިލާ ރައްކާތެރިކުރުމަށް ފަރުދީ އަދި ޢާއިލީ ފެންވަރުގައި ކުރެވެންހުރި
ކަންތައްތައްކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ
އިލްތިމާސްކުރައްވައިފިއެވެ.  މިދުވަސްވަރު
ފެތުރެމުންދާ ޑެންގީ ހުމާއި ބޭރަށް ހިންގުމުގެ ރޯގާއާ ގުޅޭ ގޮތުން
ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ބަޔާނުގައި



ތިމާ
ދިރިއުޅޭ ވެށި ސާފުކޮށް، ޢާއްމު ސާފުތާހިރުކަމަށް ސަމާލުވެ، ޞިއްޙީ ދާއިރާއިންދޭ
އިރުޝާދާ އެއްގޮތަށް ޢަމަލު ކުރައްވަމުން ގެންދެވުމަށްވެސްވަނީ
އިލްތިމާސްކުރައްވާފައެވެ.



ރައީސުލްޖުމްހޫރިއްޔާގެ
ބަޔާނުގައި މިދުވަސްވަރު ފެތުރެމުންދާ ޑެންގީ ހުމާއި ބޭރަށް ހިންގުމާއި އަދި
ޙައްޖު ޢުމުރާ ދުވަސްވަރު ފެތުރިދާނެ ތަފާތު ރޯގާތައް ކޮންޓްރޯލްކޮށް، ދިވެހި
ރައްޔިތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް، ޞިއްޙީ
ރައްކާތެރިކަން ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ސަރުކާރުގެ ކަމާބެހޭ
އިދާރާތަކެއްގެ ސަމާލުކަމަށް ގެނެވި، މިކަންކަމާގުޅިގެން އަޅަންޖެހޭ
ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންގެންދަވާ ކަމަށް
ވިދާޅުވެފައިވެއެވެ. މިގޮތުން، ރަށުތެރޭގައި މަދިރި އާލާވާފަދަ ތަންތަން
ހުރިތޯބަލައި އެތަންތަން ނައްތާލުމާއި، ރަށުތެރެ ސާފުކުރުމާއި ކަނޑައެޅިފައިވާ
ފަންނީ މިންގަނޑުތަކާ އެއްގޮތަށް ފޮގްކުރުން ހިމެނެއެވެ. މީގެ އިތުރުން،
މިކަމާގުޅިގެން ސަމާލުވާންޖެހޭ ކަންކަމުގެ މަޢުލޫމާތު، ރައްޔިތުންނަށް
ފޯރުކޮށްދިނުމާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ހުމާއި ރޯގާގެ ބަލިތަކަށް
ޚާއްޞަކޮށްގެން ފަރުވާދިނުމުގެ އިންތިޒާމް ސަރުކާރުން މިހާރު ހަމަޖައްސަވާފައިވާކަމާއި،
ދައުލަތުގެ އެކިއެކި އިދާރާތަކާއި މުއައްސަސާތަކުން މިކަމާގުޅޭ ފަންނީ ޓީމްތައް
އެކުލަވާލައި މިކަމަށް ޚާއްޞަވެތިބެ މަސައްކަތްކުރާކަން މިބަޔާނުގައި
ފާހަގަކުރައްވާފައިވެއެވެ.