ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އދ. ހަންޏާމީދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހަންޏާމީދޫ ކައުންސިލަރުން ވަނީ ރަށުގެ ނަރުދަމާ ނިޒާމުގެ ބައެއް މަސައްކަތްތައް ހުއްޓިފައި ހުރުމުން އެކަމުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވާފައެވެ. އަދި ރަށުގެ ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާއި ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސްކޫލަށް ކަރަންޓްދިނުމުގައި ހުރި މައްސަލަތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމާއި ރަށަށް އިތުރަށް ބޭނުންވާ ބައެއް ޚިދުމަތްތަކުގެ ގޮތުގައި ފޮލިސް ސްޓޭޝަނެއްގެ ޚިދުމަތާއި ބޭންކުގެ ޚިދުމަތްފަދަ ޚިދުމަތްތަކާއި އަދި ރަށުގެ ތަރައްޤީއާ ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ބައެއް މަޝްރޫޢުތަކާ ބެހޭގޮތުން ކައުންސިލަރުން މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާ މައުލޫމާތު ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަންޏާމީދޫ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާ ޙިއްޞާކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި މައްސަލަތަކުގައި ކަމާގުޅޭ އިދާރާތަކާއި ގުޅިވަޑައިގެން އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.