ޚަބަރު

ކާޑެއްދުއާއި ތިނަދޫ ބުރިޖަކުން ގުޅުވާލާނީ


ގދ. ކާޑެއްދުއާއި ތިނަދޫ ބުރިޖަކުން ގުޅުވާލާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވާފައިވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ގދ. އަތޮޅުގެ ތަރައްޤީގެ ކަންމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ތިނަދޫ ދެކުނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފްއާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީ އާއި މަޑަވެލީ ދާއިރާގެ މެމްބަރު ޙުސައިން ފިރުޝާން ދާދިފަހުން ރައީސުލްޖުމްހޫރިއްޔާއާއި ވަނީ ބަދައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތައް ހުއްސާކުރައްވަމުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ކުރެއްްވި ޓުވީޓެއްގައި އެމަނިކުފާނުވަނީ، މި ބައްދަލުވުމުން ސަރަހައްދުގެ ތަރައްޤީއަށް އަދި ވަކިން ޚާއްސަކޮށް ތިނަދޫގެ ތަރައްޤީއަށް އުންމީދީ ކަންތައްތަކަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކާޑެއްދޫގެ ޑޮމެސްޓިކް އެއަރޕޯޓަކީ ބައިނަލްއަޤްވާމީ ފެންވަރުގެ އެއަރޕޯޓަކަށް ހައްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާކަން ސަނީފް ވަނީ ފާހަގަކުރައްވާފައެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފްގެ ޓުއީޓް

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، ސަނީފް ވިދާޅުވީ މި ބައްދަލުވުމުގައި ތިނަދޫގައި އިންޓަނޭޝަނަލް އެއަރޕޯޓެއް ތަަރައްޤީކުރުމަށް މަޝްވަރާކުރިއިރު، އެ އެއަރޕޯޓް އަޅާނެ ތަނެއް ހުރިހާ ފަރާތްތައް މަޝްވަރާ ކުރުމަށްފަހު ނިންމުމަށް ރައީސް އެދިވަޑައިގެންނެވިކަމަށެވެ.

މި ސަރުކާރުން އެންމެނަށް ހަމަހަމަކަން ޤާއިމުކުރާނެކަން ފާހަގަކުރައްވާ ސަނީފް ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރަން ނިންމީ މަޑަވެއްޔާއި ހޯޑެއްދޫގެ ރައްޔިތުން ވެސް ބާކީ ނުކުރުމުގެ ގޮތުންކަމަށެވެ. އަދި ހަމަ މިއާއިއެކު ކާޑެއްދުއާއިި ތިނަދޫ ބްރިޖަކުން ގުޅުވާލާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާކަމަށް ސަނީފް ވިދާޅުވިއެވެ. އެގޮތުން މި މަސައްކަތް ފެށުމުގެ ކުރިން ނިންމަންޖެހޭ ލިޔެކިޔުންތަކުގެ މަސައްކަތް އަވަސް މުސްތަޤުބަލެއްގައި ފަށާނެކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ވިދާޅުވިއެވެ. އަދި މި ދައުރުގެ ތެރޭގައި އެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.