ޚަބަރު

އެއަރޕޯޓުގެ ތޮއްޖެހުން ކުޑަކުރުމަށް ދުރާލާ ފަސިންޖަރުން އެއަރޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފި


ކުރިއަށްއޮތީ ބޮޑު ޗުއްޓީ ދުވަސްވަރުކަމުން، ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އޮންނަ ބާރުބޮޑުވުން ކުޑަކުރުމަށްޓަކާ، އެއަރޕޯޓުން ފުރާ ފަސިންޖަރުން ދުރާލާ އެއަރޕޯޓަށް ދިއުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމް.އޭ.ސީ.އެލުން އިލްތިމާސްކޮށްފިއެވެ.

އެމް.އޭ.ސީ.އެލުން ބުނެފައިވަނީ ބޮޑު ޗުއްޓީއާއި ދިމާކޮށް ގިނަ ބަޔަކު އަތޮޅުތަކަށާއި، ރާއްޖޭން ބޭރަށް ދަތުރުކުރާނެތީ، އެއަރޕޯޓަށް އޮންނަ ތޮއްޖެހުން ކުޑަކޮށް، ފްލައިޓް ޑިލޭވުމާއި، ކިޔުގައި ގިނައިރު މަޑުކުރަންޖެހުންފަދަ ކަންކަން މަދުކުރުމަށްޓަކާ، އެއަރޕޯޓުން ފުރާ ފަސިންޖަރުން ވަގުތު އޮއްވާ ޗެކިންގވުން މުހިއްމުކަމަށެވެ. އެގޮތުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުން ފުރުމުގެ 3 ގަޑިއިރު ކުރިން އަދި ޑޮމެސްޓިކް ދަތުރުތަކުގައި ދާ ފަސިންޖަރުން ފުރުމުގެ 2 ގަޑިއިރު ކުރިން އެއަރޕޯޓަށް ދިޔުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރުމަހާއި ޑިސެމްބަރު މަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި ބޮޑު ޗުއްޓީ ދުވަސްވަރުކަމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންތައް އެތައް ގުނައެއް އިތުރުވެ، ޓްރެފިކް ބޮޑުވެގެންދެއެވެ. އަދި މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދުވަސްވަރުކަމުން، އިންޓަރނޭޝަނަލް ޓަރމިނަލަށާއި، ޑޮމެސްޓިކް ޓަރމިނަލާއި ސީޕްލޭން ޓަރމިނަލަށް އޮންނަ ޑިމާންޑް އެތައް ގުނައެއް އިތުރުވެގެންދާކަން އެމް.އޭ.ސީ.އެލުން ފާހަގަކުރެއެވެ.