ޚަބަރު

ފަންނުވެރިކަން ކުރިއަރުވަން ބޭނުންވާ ތަންތަން މިދަނީ އިތުރުކުރަމުން - މިނިސްޓަރ ޔުމްނާ


ފަންނުވެރިކަން ކުރިއަރުވަން ބޭނުންވާ ތަންތަން ރާއްޖޭގެ އެކި ރަށްރަށުގައި އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވެފައިވަނީ ޔުނެސްކޯގެ ފޯރަމް އޮފް މިނިސްޓަރސް އޮފް ކަލްޗަރގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ޕެރިހުގައި ކުރިއަށްދާ ޔުނެސްކޯގެ ފޯރަމް އޮފް މިނިސްޓަރސް އޮފް ކަލްޗަރގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ އާސާރުތަކާއި ތާރީޚާއި ސަޤާފަތް ރައްކާތެރިކުރުމަށާއި، ފަންނުވެރިންނަށް އެކި ކަހަލަ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ތާރީޚާއި ސަޤާފަތް ރައްކާތެރިކޮށް ހިމާޔަތްކުރުމަށާއި، ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޙާއްސަ ވުޒާރާއެއް އުފައްދަވާ، އާސާރުތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޤާނޫނީ ބާރުވެރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހޯއްދަވައިދެއްވާފައިވާކަން މިނިސްޓަރ ޔުމްނާ ފާހަގަކުރެއްވިއެވެ.

"މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ވަނީ ދިވެހި އާސާރުތަކާއި ތަރިކަ ހިމާޔަތްކުރުމުގެ ބިލެއް ފާސްކޮށް، އެ ބިލް ރައީސް ވަނީ ސެޕްޓެމްބަރ މަހުގެ ތެރޭގައި ތަސްދީގުކުރައްވާފައި. މި ބިލާއެކު ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒެއް ވުޖޫދުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންނަންހުރި އާސާރުތަކާއި، ތަރިކައިގެގޮތުގައި ބެލެވޭ ފަދަ އެއްޗެތި ހިމާޔަތްކޮށް ރައްކާތެރިކުރުން އެ ސެންޓަރުގެ މެންޑޭޓުގެ ތެރޭގައި ވަނީ ހިމަނާފައި." މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީވެސް މުއްސަނދި ތާރީޚަކާއި ސަޤާފަތެއް ލިބިފައިވާ ޖަޒީރާވަންތަ ޤައުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ޔުމްނާ ވިދާޅުވީ، ދިވެހި ތާރީޚާއި، ދިވެހިންގެ ފަންނުވެރިކަން އެންމެ ރަނގަޅަށް ފެނިގެންދާ އެއް މިސާލަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބިނާކޮށްފައިވާ ހިރިގަލުގެ މިސްކިތްތައްކަމަށެވެ. އަދި ރާއްޖޭގެ ހިރިގަލުން ބިނާކޮށްފައިވާ 6 މިސްކިތެއް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ، ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވެސް ރާއްޖޭގެ އާސާރުތައް ހިމާޔަތްކޮށް، ތާރީޚާއި ސަޤާފަތް ދިރުވާ އާލާކުރުމަށާއި، ފަންނުވެރި އަދި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ޚާއްސަ ކަންތައްތަކެއް ކުރުމަށް ހިމަނާފައިވާކަމަށެވެ.

"ނެޝަނަލް ސްޕެޝަލް ޕްލޭންގެ ދަށުން އާޓްސް އެންޑް ކަލްޗަރގެ ދާއިރާ އިޝްތިހާރުކުރުމަށް ބޭނުންވާ ޖާގަ ރާއްޖޭގެ ރަށްރަށުގައި ކަނޑައެޅުމަށްޓަކާ މަސައްކަތްތަކެއްވެސް މިދަނީ ކުރަމުން.. ސައިޓް މިއުޒިއަމްސް، ލައިބްރަރީތަކާއި، ކަލްޗަރަލް ވިލެޖްފަދަ ތަންތަން ރާއްޖެއަށްވެސް ބޭނުންވޭ. ރާއްޖޭގެ އާސާރުތައް ރައްކާތެރިކޮށް، ތާރީޚާއި ސަޤާފަތް ކުރިއެރުވުމަށް ސަރުކާރުން އޮތީ ފުރިހަމައަށް އެއްބާރުލުންދޭން ތައްޔާރަށް. ކަލްޗަރަލް ޓޫރިޒަމް ފުޅާކޮށް ކުރިއެރުވުމަށްވެސް މިދަނީ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރަމުން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ، ތާރީޚާއި ސަޤާފަތަކީ އެބައެއްގެ ޤައުމިއްޔަތާއި، އަމިއްލަވަންތަކަން ދައްކުވައިދޭ، މުޖުތަމަޢުގެ ހަމަޖެހުމާއި ގުޅިފައިވާ މުހިއްމު ދާއިރާއެއްކަމުން، އެ ދާއިރާ ތަރައްޤީކުރުމަކީ ރައީސް ޞާލިޙުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަމަށެވެ. އަދި މިއަހަރަކީ އާސާރުތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށާއި ފަންނުވެރިންނަށް އެމީހުންގެ ހުނަރުތައް ދެއްކުމަށް ފުރުޞަތު ފަހިކޮށްދިނުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވުން އަހަރެއްގެ ގޮތުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.