ވިޔަފާރި

ހިލޭ އެހީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ - ފިނޭންސް މިނިސްޓަރ


މިއަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މިއަހަރުގެ ތެރޭ ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ގިނަ ޤައުމުތަކުން ފައިސާ ލިބިފައިވާކަމަށެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ އެއިޑް ޕެކޭޖުގެ ދަށުން 200 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި، 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް އެގްރީމަންޓްގެ ދަށުން ފައިސާ ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހިލޭ އެހީގެ މިފައިސާއާއެކު މިހާތަނަށް ގިނަ މަޝްރުޢުތަކެއްވެސް ހިންގާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބޭރުގެ ގިނަ ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި ފައިސާ ލިބިފައިވޭ. ހިލޭ އެހީގެ ގޮތުގައި ފައިސާގެ އިތުރުން ޕްރޮޖެކްޓް ގްރާންޓްވެސް ލިބިފައިވޭ. ޖުމްލަކޮށް ބަލާނަމަ އަޅުގަނޑުމެންނަށް މިއަހަރުތެރޭ 3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ." މިނިސްޓަރ ވިދާޅުވިއެވެ.

2019 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓުގައި ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 23,339.8 މިލިއަން ރުފިޔާއެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓު ސަޕްލިމެންޓްގައި ހިލޭ އެހީގެ ގޮތުގައި އިތުރު 716.8 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާތީ 24،056.6 މިލިއަން ރުފިޔާ ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ.

2020 ވަނަ އަހަރަށް ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 5214.9 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ފައިސާއިން ލިބޭ އެހީގެ ގޮތުގައި 4787.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.

މީގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ހޯދުމަށް ހަމަޖެހިފައިވާ 150 މިލިއަން އެމެރިކާ ޑޮލަރާއި 2019 ވަނަ އަހަރު އިންޑިއާ ސަރުކާރުން ގަވަރމެންޓް ސެކިއުރިޓީގައި އިންވެސްޓުކޮށްފައިވާ 150 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. މިއީ އެހީއަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ލިބިފައިވާ ޓްރެޝަރީ ބިލްތަކެވެ.