ވިޔަފާރި

މިދިޔަ މަހު އެންމެ ބޮޑު ސަރވިސް ޗާޖެއް ދިނީ ޝެވަލް ބްލާންކް ރަންދެލި ރިސޯޓުން


މިދިޔަ އޮކްޓޯބަރު މަހު އެންމެ ބޮޑު ސަރވިސް ޗާޖެއް ދިނީ ޝެވަލް ބްލާންކް ރަންދެލި ރިސޯޓުންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ސަރވިސް ޗާޖު ދޭ މިންވަރާއި އާންމުކޮށް ރިސޯޓުތަކުގެ އެކި ޚިދުމަތްތަކުން ސަރވިސް ޗާޖް ނަގާ މިންވަރުގެ މަޢުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ "މޯލްޑިވްސް ސަރވިސް ޗާޖް ވެބްސައިޓު" ގައި އާންމުކޮށްފައިވާގޮތުން މިދިޔަ އޮކްޓޯބަރު މަހު އެންމެ ގިނައިން ސަރވިސް ޗާޖު ދީފައިވަނީ ޝެވަލް ބްލާންކް ރަންދެލި ރިސޯޓުންނެވެ. އެ ރިސޯޓުން ވަނީ މުވައްޒަފުންނަށް އެވަރެޖުކޮށް 1087 ޑޮލަރު ނުވަތަ 16900 ރުފިޔާ ސަރވިސް ޗާޖުގެ ގޮތުގައިދީފައެވެ.

މިއީ ސެޕްޓެމްބަރު މަހު އެ ރިސޯޓުން ސަރވިސް ޗާޖު ދިން ރޭޓާއި އަޅާބަލާއިރު ބޮޑު އަދަދެކެވެ. ސެޕްޓެމްބަރު މަހު ސަރވިސް ޗާޖުގެ ގޮތުގައި އެ ރިސޯޓުން ދީފައިވަނީ 607 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 9000 ރުފިޔާއެވެ. ނަމަވެސް އޮގަސްޓުމަހު އެ ރިސޯޓުން ވަނީ ސަރވިސް ޗާޖުގެ ގޮތުގައި 1200 ޑޮލަރު ދީފައެވެ. އެއީ ގާތްގަނޑަކަށް 19000 ރުފިޔާއެވެ.

ރިސޯޓުތަކަށް ސަރވިސް ޗާޖު ލިބޭ މިންވަރު އެދުވަސްވަރެއްގައި ރާއްޖޭގެ ފަތުރުވެރިކަން އޮންނަ މިންވަރަކާއި އެއްގޮތަށް ބަދަލުވެއެވެ. އެގޮތުން ޕީކް ސީޒަންތަކުގައި ރިސޯޓުތަކަށް ގިނައިން ސަރވިސް ޗާޖު ލިބެއެވެ.

ޝެވަލް ބްލާންކް ރަންދެލި ރިސޯޓަށް ފަހު މިދިޔަ އޮކްޓޯބަރު މަހު އެންމެ ގިނައިން ސަރވިސް ޗާޖް ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން 916 ޑޮލަރު ނުވަތަ 14000 ރުފިޔާ ސަރވިސް ޗާޖްގެ ގޮތުގައި ދީފައިވެއެވެ.

ތިންވަނައަށް އެންމެ ގިނައިން ސަރވިސް ޗާޖް ދީފައިވަނީ 662 ޑޮލަރު ނުވަތަ 10200 ރުފިޔާއާއެކު ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓުންނެވެ.

މޯލްޑިވްސް ސަރވިސް ޗަރޖް ވެބްސައިޓްގައި އާންމުކޮށްފައިވާގޮތުން މިދިޔަ މަހު ސަރވިސް ޗާޖް އާންމުކޮށް އުޅެނީ 400 ޑޮލަރާއި 600 ޑޮލަރާއި ދެމެދުއެވެ. މިދުވަސްވަރަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ވުމާއެކު ކުރިއަށްއޮތް ދެތިން މަހު ރިސޯޓުތަކަށް ގިނައިން ސަރވިސް ޗާޖް ލިބޭނެކަމަށް ލަފާކުރެވެއެވެ.

މޯލްޑިވްސް ސަރވިސް ޗާޖް ވެބްސައިޓަކީ ރާއްޖޭގެ އެކި ރިސޯޓުތަކުގެ ސާރވިސް ޗާޖް ދޭ އަދަދު ކޮންމެ މަހަކު އާންމުކުރަމުން އަންނަ ވެބްސައިޓެކެވެ.

މީގެ އިތުރުން މި ވެބްސައިޓުގައި ރިސޯޓުތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ރިސޯޓުތަކާއިބެހޭ އެކި އެކި މަޢުލޫމާތު ލިބެން ހުރެއެވެ. މިއީ ރާއްޖޭގައި ރިސޯޓު ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނަށް ފަސޭހައިން ވަޒީފާ ހޯދައިދިނުމުގެ މަޤްސަދުގައި ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ.