ޚަބަރު

އަނިޔާވެރިކަން ހުއްޓުވުމާ ގުޅޭގޮތުން އެޗްއާރްސީއެމުން އދގެ ސްޕެޝަލް ރެޕަޓުއަރއާއެކު މަޝްވަރާކޮށްފި


ލާއިންސާނީ ޢަމަލުތަކާއި އަނިޔާވެރިކަން ހުއްޓުވުމާއި ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ، ނިލްސް މެލްޒަރއާއި މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި އެޗްއާރްސީއެމްއިން ވަނީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތު އދ. ގެ ސްޕެޝަލް ރެޕަޓުއަރއަށް އޮޅުން ފިލުއްވާދެއްވާފައެވެ. އެކޮމިޝަނުން ވަނީ މިކަންކަމާ ގުޅޭ ތަފާސް ހިސާބުވެސް އދ. ގެ ސްޕެޝަލް ރެޕަޓުއަރއާއި ހިއްސާކޮށްފައެވެ.

އެޗްއާރްސީއެމްގެ ޓުއީޓް

މި ބައްދަލުވުމުގައި އދ ގެ ރެޕެޓުއަރ ވަނީ ރާއްޖޭގައި މީގެ ކުރިން ހިންގާފައިވާ ރަހުމުކުޑަ، ލާއިންސާނީ، އަދި ދަށުދަރަޖައިގެ އަދަބުތަކާއި އަމަލުތައް ހުއްޓުވުމަށާއި، އެފަދަ އަމަލުތައް ކުރިއަށް އޮތް ތާނގައި ނުހިގާނެކަން ޔަޤީންކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދިނުމަށް ގޮވާލައްވާފައެވެ. އަދި މިފަދަ އަމަލުތައް ހުއްޓުވުމަށް އެޅިފައިވާ ފިޔަވަޅުތައްވެސް އޭނާ ވަނީ އޮޅުން ފިލުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޓުއީޓް

އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ، ނިލްސް މެލްޒަރ ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ސްޕެޝަލް ރެޕެޓުއަރ ވަނީ އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ދިވެހިރާއްޖެއިން ޢަމަލުކުރަމުންދާ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޑިފެންސް މިނިސްޓްރީއިން ކުރި ޓުއީޓް

ސްޕެޝަލް ރެޕެޓުއަރގެ މި ދަތުރުގައި ޖިނާއި އަދުލުގެ ނިޒާމުގެ ތެރޭގައްޔާއި، އިމިގްރޭޝަންއާއި، ސިއްޙީ ދާއިރާގެ އިތުރުން އިޖްތިމާއި ޚާއްސަ އެހީ ބޭނުންވާ ފަރާތްތައް ފަދަ، މިނިވަންކަމުން މަހުރޫމްވެފައިވާ މީހުން ބޭތިއްބުމަށް ޚާއްސަ ތަންތަނަށް ޒިޔާރަތްކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މި ދަތުރުން ފާހަގަކުރެވޭ ކަންތައްތައް ހިއްސާކުރުމަށްޓަކައި 24 ނޮވެމްބަރު 2019 ވަނަ ދުވަހުގެ 13:30 ގައި މާގިރި ހޮޓެލްގައި ޕްރެސް ކޮންފަރަންސެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އ.ދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ ނިލްސް މެލްޒަރ ރާއްޖެއަށް ކުރަން ހަމަޖެހިފައިވާ މި ދަތުރުން ފާހަގަ ކުރެވޭ ކަންކަމުގެ ފުރިހަމަ ރިޕޯޓް، މާޗް 2021 ގައި އ.ދ. ގެ ހިއުމަން ރައިޓްސް ކައުންސިލް އަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ، ނިލްސް މެލްޒަރ، ރާއްޖެއަށް ކުރާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.