ޚަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކީ ޑިމޮކްރަސީގެ ނަމޫނާ އިންތިޚާބަކަށް ވެގެންދާނެ - އަފްޝަން


މިއަދު ހަވީރު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކީ ޑިމޮކްރަސީގެ ނަމޫނާ އިންތިޚާބަކަށް ވެގެންދާނެކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން އެޕާޓީގެ ސެކެޓްރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރަސީގެ ނަމޫނާ ޕާޓީއެއްކަން މާޒީގައިވެސް ދައްކާފައިވާނެކަމަށެވެ. އެމްޑީޕީގެ އެތެރޭގެ ލީޑާރޝިޕް އިންތިޚާބްގައި ޕާޓީގެ ރައީސްގެ މަޤާމަށް، ރައީސް ނަޝީދު ގިނިކަންޏާ ކުރިމަތި ލެއްވިޔަސް ހުރިހާ މެމްބަރުންވެސް ނުކުމެ ވޯޓްގައި ބައިވެރިވުމަކީ ޕާޓީގެ ވަރަށްބޮޑު އެދުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ނައިބް ރައީސްގެ މަޤާމަށް ވާދަކުރައްވާ ޝިފާޒާއި، އަސްލަމްގެ ކެންޕެއިން ކުރިއަށްދިޔައީ ވަރަށް ވާދަވެރިކޮށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކެމްޕެއިންގެ ތެރެއިން ފެނިގެންދަނީ ޑިމޮކްރަސީގެ ރީތި ނަމޫނާކަމަށްވެސް އަފްޝަން ވިދާޅުވިއެވެ. އެއްވެސް ބޭފުޅަކު އަނެއްބޭފުޅެއްގެ ޒާތީ ކަންކަމާއިނުބެހި، އެންޓި-ކެމްޕެއިނެއް ނުކޮށް ވާދަވެރިކަމާއިއެކު އަތޮޅުތަކުގައާއި މާލޭގައިވެސް ވަރުގަދަ ކެމްޕެއިނެއް ކުރާކަމީ މި އިންތިޚާބުގެ ވާދަވެރިކަމާއި ޑިމްކޮރަސީގެ ރީތިއުސޫލު ފެނިގެންދާކަމުގެ މިސާލެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ނައިބް ރައީސްގެ މަޤާމަށް ކުރިމަތިލައްވާ މިހާރުވެސް އެޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެފައިވަނީ އޭނާ މި އިންތިޚާބަށް ވާދަކުރައްވަނީ ކަމެއް ކޮށްދެވުނުކަމުގެ އިޙްސާކުރެވޭތީކަމަށެވެ. އޭނާއާއި ވާދަކުރައްވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ އޭނާއަށް މެމްބަރުން ވޯޓްދެއްވަންވީ އޭނާގެ ތަޖުރިބާއާއި، ޕާޓީއަށް ކޮށްދެއްވި ޚިދުމަތަށް ބަލާފައިކަމަށެވެ.

އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބް އޮންނާނީ މިއަދު މެންދުރުފަހު 14:00އިންފެށިގެން އިރުއޮއްސި 18:00 އާ ހަމައަށެވެ. ވޯޓްލުން އެހާއިރަށް ނުނިމެނޭ ތަންތަނުގައި ރޭގަނޑު 20:00 އާހަމައަށް ވޯޓްލުން ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވެއެވެ.

ހުރިހާ ރަށެއްގައި ވޯޓުލުން އޮންނާނެއެވެ. ރަށްރަށުގައި ވޯޓްލުން ކުރިއަށްދާނީ ކޮންމެ ރަށެއްގައިވެސް ހުންނަ އެމްޑީޕީގެ ހަރުގޭގައެވެ. އަދި މާލޭގައި ވޯޓްލުން ކުރިައށްދާނީ އިސްކަންދަރު ސްކޫލުގައެވެ.