ހާދިސާތަކުގައި ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވޭނެ ކަންކަމާއި ބެހޭގޮތުން ރާއްޖެއިން ޖަޕާނާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައްކޮށްފައިވަނީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް އުވައިސް ޖަޕާންގެ މެރިން ޑިޒާސްޓަރ ޕްރިވެންޝަން ސެންޓަރުގެ ރައީސް ނިކަޖީމާއާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ދިވެހި ސަފީރު ވަނީ ކުއްލި ޙާލަތުގައި ރާއްޖެއިން ގެންގުޅޭ މެކޭނިޒަމްގެ މަޢުލޫމާތު މެރިން ޑިޒާސްޓަރ ޕްރިވެންޝަން ސެންޓަރުގެ ރައީސްްއާއި ހިއްސާކުރައްވާފައެވެ. މި ފަދަ ހާދިސާތަކުގައި ޖައްވު ތަޣައްޔަރުކުރާ ގިނަ މާއްދާތަކެއް ޖައްވަށް ބޭރުވާކަން ފާހަގަކުރައްވާ ސަފީރު ވަނީ، މިކަމުގައި ޖަޕާނުގެ މެރިން ޑިޒާސްޓަރ ޕްރިވެންޝަން ސެންޓަރުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޖަޕާނުގެ މެރިން ޑިޒާސްޓަރ ޕްރިވެންޝަން ސެންޓަރުގެ ރައީސް ވަނީ ޕޮލިއުޝަން އިންސިޑެންސް ރެސްޕޮންސް ނިޒާމު ފައްކާކުރުމަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މެރިޓައިމް ޑިޒާސްޓަރ ޕްރިވެންޝަން ސެންޓަރުގައި ހިންގޭ ތަމްރީނު ޕްރޮގްރާމުތައް ކަމަށްވާ ތެޔޮ ލީކުވުންފަދަ ހާދިސާތައް ކޮންޓްރޯލް ކުރުމާއި އަލިފާން ނިއްވުމާއި ވިހަ މާއްދާތައް ލީކުވެ ފެތުރިގެންދާ ޙާލަތުގައި އެފަދަ މާއްދާތަކުން ރައްކާތެރިކަން ހޯދުންފަދަ ތަމްރީންތަކުގެ މަޢުލޫމާތު މި ސެންޓަރުގެ ރައީސް ވަނީ ދެއްވާފައެވެ. މި ބައްދަލުވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ފަރާތުން ކޮމާންޑެންޓް ކާނަލް ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިދިޔަ އޮކްޓޯބަރ މަހު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޖަޕާނުގެ މެރިޓައިމް ޑިޒާސްޓަރ ޕްރިވެންޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި ކަނޑުމަތީގެ ހާދިސާތަކުން ދުރާލާ ރައްކާތެރިކަން ހޯދުމާއި އެފަދަ ކަންކަމަށް ތައްޔާރުވުމާ ބެހޭ ދާއިރާއިން ޖަޕާނުން ހޯދާފައިވާ ކުރިއެރުންތަކާބެހޭ މައުލޫމާތު ވަނީ ހޯއްދަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި އޮއިލް ސްޕިލް ކޮންޓްރޯލް ޓްރެއިނިންގ ސްޓޭޝަނާއި އައްސޭރިފަށް ސާފުކުރުމުގެ ތަމްރީނުތައް ކުރިޔަށްގެންދާ ސަރަހައްދަށްވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ.