ޚަބަރު

އަނިޔާގެ ޝިކާރައަކަށްވާ ކުދިންނަށް އިންސާފު ހޯދައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ - އެޗް.އާރު.ސީ.އެމް


އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ނުލިބޭ މައްސަލަތައް މުރާޖަޢާކޮށް، މިފަދަ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތައް ޤާއިމުކޮށް، އެކުދިންނަށް އިންސާފު ހޯދައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗް.އާރ.ސީ.އެމުން ބުނެފިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަހާއި ގުޅުވައިގެން އެޗް.އާރ.ސީ.އެމުން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށްފައެވެ.

އެޗް.އާރ.ސީ.އެމްގެ ބަޔާނުގައި ރާއްޖޭގައި ކުޑަކުދިންނަށްކުރާ އަނިޔާގެ ގިނަ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކަށް ހުށައެޅިފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެ ބަޔާނުގައިވާގޮތުން އެ ކޮމިޝަނަށް ހުށައެޅޭ މައްސަލަތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އާއިލާގެ ފަރާތުންވާ އިހުމާލާއި، ކުޑަކުދިންނަށް ލިބޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، އާއިލާގެ ފަރާތުންނާއި ނުދަންނަ ފަރާތްތަކުން ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކެވެ. މީގެއިތުރުން ދައުލަތުގެ މުއައްސަސާތަކުން ވާ އިހުމާލާއި، ކުޑަކުދިންނަށް ގަނާކުރާކަމަށް ބުނެ ހުށަހަޅާ މައްސަލަތައްވެސް ހިމެނޭކަމަށް އެޗް.އާރ.ސީ.އެމުން ފާހަގަކޮށްފައިވެއެވެ.

ހިއުމަންރައިޓްސް ކޮމިޝަނުން ވަނީ ކުޑަކުދިންނަށްކުރާ އަނިޔާ ހުއްޓުވައި، އެކިއެކި ކުށްތަކުގައި ހައްޔަރުކުރެވޭ ކުޑަކުދިން ބަންދުގައި ތިބޭ ބޮޑެތި މީހުންނާ ވަކިން ބައިތިއްބާނެ އިންތިޒާމް ހަމަޖައްސަންޖެހޭކަންވެސް ފާހަގަކޮށްފައެވެ. އަދި ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށުގެ ވެއްޓާ ދުރުހެލިކޮށް، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢުއަށް ގެނައުމަށް ކަނޑައެޅިފައިވާ ނިޒާމު އިތުރަށް ހަރުދަނާ ކުރަންޖެހިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި އަނިޔާ ލިބޭ ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން، ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާ މައްސަލަތަކުގައި ތަޙުޤީޤު މަރުޙަލާ ލަސްވެ، މައްސަލައިގެ ހެކި ގެއްލި، އިންސާފު ހޯދައިދިނުމަށް ހުރަސްއެޅޭކަމުގެ ކަންބޮޑުވުން އެޗް.އާރ.ސީ.އެމުން ވަނީ ފާޅުކޮށްފައެވެ. އަދި އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ނުލިބޭ މައްސަލަތައް މުރާޖަޢާކޮށް، މިފަދަ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތައް ޤާއިމުކޮށް، އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ހޯދައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އެޗް.އާރ.ސީ.އެމުން ބުނީ ކުޑަކުދިންނަށް ކުރާއަނިޔާ ހުއްޓުވުމަށްޓަކައި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި މީޑިއާއިން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލުކަމަށްވާ ހިނދު އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް، އެކުދިންނަށް ލިބެންވާ ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަން ދިނުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ޒިންމާއެއްކަމަށްދެކި، އެކުދިންނަށް ރައްކާތެރިކަންދިނުމަށް މައިންބަފައިންނާއި މުޖުތަމަޢުއިން މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއްކުރުމަށްވެސް އެޗް.އާރ.ސީ.އެމުން ވަނީ ގޮވާލާފައެވެ.