އިންކަމް ޓެކްސް ބިލާއެކު މިހާރު ނަގަމުންދާ ހުރިހާ ޓެކުހެއް ވެސް ނަގަމުންދާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ބިޒްނަސް ޕްރޮފިޓް ޓެކްސް އުވާލާނެކަމަށް މީޑީއާގައި ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ އަމީރު ވިދާޅުވީ ބިޒްނަސް ޕްރޮފިޓް ޓެކްސް އުވާލާނެކަމަށް ބުނެ މިޑިއާގައި ރިޕޯޓުކޮށްފައިވާ ވާހަކަތަކަކީ މުޅިން ރަނގަޅު ވާހަކަތައެއް ނޫންކަމަށެވެ. މިނިސްޓަރ ވިދާޅުވީ އިންކަމް ޓެކްސްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވާ މި ބިލަކީ އާމްދަނީ ލިބޭ ހުރިހާ ޓެކުހެއް ހިމެނޭހެން އެކުލަވާލާފައިވާ ބިލެއްކަމަށެވެ.
މީގެ ތެރޭގައި ފަރުދުންގެ އާމްދަނީން ނެގުމަށް އަލަށް ހުށަހަޅާފައިވާ ޓެކުހާއި ބިޒްނަސް ޕްރޮފިޓް ޓެކްސް އާއި ބޭންކް ޕްރޮފިޓް ޓެކްސްގެ އިތުރުން އެހެނިހެން ޓެކްސްތައްވެސް ހިމެނެއެވެ. ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ފެށުމާއެކު މިހާރު އޮތް ބިޒްނަސް ޕްރޮފިޓް ޓެކްސް އާއި ބޭންކް ޕްރޮފިޓް ޓެކުހުގެ 'ޤާނޫނު" އުވޭނެކަމަށެވެ. ނަމަވެސް އޭގެ މާނައަކީ މި ޓެކްސްތައް އުވުން ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ނަގަމުންދާ ޓެކުހުގެ ތެރެއިން ހަމައެކަނި އިތުރުވެގެންދާނީ އަންނަ އަހަރު ފަރުދުންގެ އާމްދަނީއިން ނެގުމަށް ހުށަހަޅާފައިވާ ޓެކްސް އެކަނިކަމަށެވެ. މިނިސްޓަރ ވިދާޅުވީ "އިންކަމް ޓެކްސް" ގެ ބިލަކީ ހުރިހާ ޓެކުހެއް އެއް ޤާނޫނަކަށް ހެދުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ ބިލެއް ކަމަށެވެ.
"ވިޔަފާރި ފައިދާއިން ނެގޭ ޓެކްސް، ބީޕީޓީ އަޅުގަނޑުމެން އުވާލަނީކީއެއް ނޫން. އަޅުގަނޑުމެން މި ގެންނަނީ ހުރިހާ އިންކަމް ޓެކްސްއެއް. އާމްދަނީ މި ލިބެނީ ހަމައެކަނި އަމިއްލަ މީހާއަކަށް ނޫން. އިންކަމް ލިބޭނެ ވިޔަފާރިތަކަށް ވެސް އަދި އެހެނިހެން ރިސޯސަސްތަކަށްވެސް. އެހެންވީމަ، އެހުރިހާ ޓެކްސް ބިލެއް އަޅުގަނޑުމެން އެއް ބިލެއްގެ ގޮތުގައި އަޅުގަނޑުމެން މަޖިލީހަށް މި ފޮނުވަނީ. މީގަ ހަމައެކަނި އިތުރުވާ ތަންކޮޅަކީ އަޅުގަނޑުމެންނަށް އަމިއްލަ ފަރުދުންގެ އާމްދަނީއިން ނެގޭ ޓެކްސް. އެހެން ހުރިހާ ޓެކްސް ބިލްތައް އަޅުގަނޑުމެން އެއް ބިލަކަށް ލައިގެން ކުރިއަށްމިގެންދަނީ. އެހެންވީމަ، މިހާރު މިނެގޭ އެއްވެސް ޓެކުހެއް އުވިގެނެއް ނުދާނެ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
އިންކަމް ޓެކުހުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވާއިރު މި ބިލާއެކު ކޮންމެ އަހަރަކު ދައުލަތަށް ގާތްގަނޑަކަށް 680 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވެއެވެ.
އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ހުށަހަޅާފައިވަނީ މަހަކު 40000 ރުފިޔާއަށްވުރެ އިތުރަށް ޢާމްދަނީ ލިބޭ ފަރާތްތަކުގެ އަތުންނެވެ. ޓެކްސް ނެގުމަށް މި ބިލުގައި ހިމަނާފައިވަނީ:
މި ބިލާއެކު ރާއްޖޭގެ އާބާދީގެ ތިންލައްކައިގެ ތެރެއިން 6000 މީހުން އިންކަމް ޓެކްސް ދައްކާނެކަމަށް ފިނޭންސްއިން ލާފާކުރައްވައެވެ.