ވިޔަފާރި

އެމްއައިބީގެ 42 އިންސައްތަ ހިއްސާދާރުންނަކީ އަންހެނުން


މޯލްޑިވްސް އިސްލާމިކް ބޭންކުން ހިއްސާގަތް ފަރާތްތަކުގެ ތެރެއިން 42 އިންސައްތައަކީ އަންހެނުންކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކު ފުރަތަމަ ފަހަރަށް ހިއްސާ ވިއްކާ ސްޓޮކް އެކްސްޗޭންޖްގައި ވަނީ ރަސްމީކޮށް ރަޖިސްޓްރީކޮށްފައެވެ. އެ ކުންފުނީގެ ހިއްސާ ދާރުންގެ ގޮތުގައި މިވަގުތު ޖުމްލަ 16،144 މީހުން އެބަތިއްބެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބުނީ އެމްއައިބީގެ ހިއްސާގަތް މީހުންގެ ތެރެއިން 42.33 އިންސައްތައަކީ އަންހެނުންކަމަށެވެ. ހިއްސާގަތް މީހުންގެ މިހާބޮޑު އަދަދެއް އަންހެނުންނަށް ވުމަކީ މީގެ ސަބަބުން މުޖްތަމައުގައި އަންހެނުންގެ ހިއްސާ އިތުރުވަމުންއަންނަ މިންވަރު ހާމަވާކަމެއްކަމަށް ސްޓޮކް އެކްސްޗޭންޖުން ބުނެއެވެ. އަދި މީގެ ސަބަބުން އެމްއައިބީގެ ބޯޑު މެންބަރުންގެ ގޮތުގައި އަންހެނުންގެ އަދަދު އިތުރުވުމަށްވެސް މަގުފަހިވެގެންދާނެކަމަށްވެސް ސްޓޮކް އެކްސްޗޭންޖުން ބުނެއެވެ.

އެމްއައިބީއިން ހިއްސާގަތް މީހުންގެ ތެރެއިން 99.63 އިންސައްތަ ހިއްސާކުރަނީ އަމިއްލަ ފަރާތްތަކެވެ. އެއީ ޖުމްލަ 16،084 ހިއްސާދާރުންނެވެ. އަދި ބަކީ ބައި ހިއްސާކުރަނީ ކުންފުނިތަކާއި އިންސްޓިޓިއުޓްތަކެވެ. އެއީ ޖުމްލަ 60 ހިއްސާދާރުންނެވެ.

އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް އެމްއައިބީން ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލުމުގެ ސަބަބުން ރާއްޖެއިން ބޭރުގެ ފަރާތްތަކުންވެސް ވަނީ ހިއްސާ ގަނެފައެވެ. އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ގަނެފައިވަނީ 30.62 އިންސައްތަ ހިއްސާއެވެ. ހިއްސާ ގަތުމަށް އެމްއައިބީން ޤާއިމްކޮށްފައިވާ ސެންޓަރުތަކަށް ގޮސް ހިއްސާ ގަތް މީހުންގެ އިންސައްތައަކީ 69.38 ކެވެ.

އެމްއައިބީއިން މުޅިން އަލަށް ހިއްސާ ވިއްކަން ހުޅުވާލި ފުރުސަތުގައި 356 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ އެ ބޭންކަށް ލިބިފައެވެ.