ޚަބަރު

ހިޔާ ފްލެޓުތަކުގެ ޑިޒައިނަށް ބަދަލެއް ނުގެނޭ - އެޗްޑީސީ


ހިޔާ މަޝްރޫޢުގެދަށުން ހުޅުމާލޭގައި އިމާރާތްކުރާ ހައުސިންގ ޔުނިޓްތަކުގެ ޑިޒައިނަށް އެއްވެސް ބަދަލެއް ނުގެނައުމަށް ނިންމާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ. ހިޔާ ފްލެޓްތައް ކުދިވުމުގެ ސަބަބުން އެޗްޑީސީން މީގެކުރިންވަނީ އެޕާޓްމަންޓުތަކުގެ އަދަދު މަދުކޮށް، ކޮޓަރި ގިނަ ކުރުމަށް މަޝްވަރާކޮށްފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަނީ 7000 ހައުސިންގ ޔުނިޓްކަމަށް ނިމިދިޔަ ސަރުކާރުން ބުނި ނަމަވެސް، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފައިވަނީ ހިޔާ މަޝްރޫޢުގެދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަނީ 6860 ހައުސިންގ ޔުނިޓްކަމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދަނީ 25 ބުރީގެ 16 ޓަވަރެވެ. މި ފްލެޓްތަކުގައި މުޅިންވެސް ހިމެނެނީ 2 ކޮޓަރީގެ އެޕަރޓްމަންޓްތައްކަމަށް އެޗްޑީސީންވަނީ ބުނެފައެވެ.

އާ ސަރުކާރު ހަވާލުވެ، ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ހައުސިންގ މިނިސްތްރީން ވިދާޅުވެފައިވަނީ އެ ފްލެޓްތަކަކީ އެންމެ އެކަށީގެންވާގޮތަށް ޕްލޭންކޮށް އިމާރާތްކުރާ ޕްލެޓްތަކެއް ނޫންކަމަށެވެ. މިކަމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު އަތިފާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުން ވިދާޅުވީ، ފްލެޓްތަކަކީ އާއްމުން ދިރިއުޅެން އެންމެ އެކަށީގެންވާ ގޮތަށް ޖާގަ ތަނަވަސްކޮށްހަދާ ހައުސިންގ ޔުނިޓްތަކެއް ނޫންކަމަށެވެ.

މި މަޝްރޫޢުގެ މަސައްކަތް ބަލަހައްޓާ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން މީގެކުރިންވަނީ، ފްލެޓްތަކުގެ ޖާގަ ތަނަވަސްކުރުމަށް ހައުސިންގ ޔުނިޓްތަކުގެ އަދަދު މަދުކޮށް 3 ކޮޓަރިއަށް އެޕާޓްމަންޓުތައް ބަދަލުކުރުމަށް މަޝްވަރާކޮށްފައެވެ. ނަމަވެސް ފްލެޓްތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށް މިހާރު ނިންމާފައިވާކަމަށް އެޗްޑީސީންވަނީ ބުނެފައެވެ.

މިގޮތަށް ނިންމީ ސަރުކާރާއި އެޗްޑީސީއާއެކު މަޝްވަރާ ކުރުމަށްފަހު، މި މަޝްރޫޢަށް ބަދަލުތައް ގެނެސްފިނަމަ މަޝްރޫޢުގެ އަގު ބޮޑުވެ އާއްމުންގެ އަތުން ކުއްލީގެ ގޮތުގައި ދައްކަންޖެހޭ އަގު ބޮޑުވާނެތީކަމަށް އެޗްޑީސީންވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ ކުރީ ސަރުކާރުންވެސް މަޝްރޫޢު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޑިޒައިނާއި ކޮންސެޕްޓަށް އެއްވެސް ބަދަލެއް ނުގެނެސްއެވެ. އެއީ މުޅިންވެސް 2 ކޮޓަރީގެ އެޕާޓްމަންޓްތަކެެވެ.

ވޭތުވެދިޔަ 1 އަހަރު ހައުސިންގ މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ހައުސިންގ މިނިސްޓަރ އާތިފާ ވިދާޅުވީ ހިޔާ މަޝްރޫޢުގެ މަސައްކަތައް އޭރު ކޮންޓްރެކްޓް ކޮށްފައިވަނީ އިމާރާތުގެ ފިނިޝިންގ މަސައްކަތްވެސް ނުހިމަނާކަމަށެވެ.

"ފިނިޝިންގ ވޯކްސް ހިމަނާފައެއްނުވޭ. ނަމަވެސް މިހާރު މިވަނީ ފިނިޝިންގ މަސައްކަތަށް ފައިސާ ހަަމަޖައްސާ އެވޯޑްކޮށްފައި. އަންނަ އަހަރުގެ މަރޗް މަހަށް ފިނިޝިންގ ނުހިމަނާ ދެން ހުރި ހުރިހާ މަސައްކަތްތައް ނިމޭވެ. ފިނިޝިންގ މަސައްކަތްކަކާއިއެކު ނިންމާލެވޭނީ އަަަހަރުގެ މެދެއްހާ ހިސާބުގައި." މިނިސްޓަރ އާތިފާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފްލެޓްތަކަށް މީހުންނަށް ވަދެވޭވަރުވާނީ އަންނަ އަހަރު މެދުތެރޭގައި ފިނިޝިންގ މަސައްކަތްތައް ނިމުމަށްފަހުކަމަށެވެ. ހިޔާ މަޝްރުޢޫގެދަށުން އިމާރާތްކުރާ އެޕަރޓްމަންޓްކަކަކީ 550 އަކަފޫޓުގެ ޔުނިޓްތަކެއްކަމަށް އެޗްޑީސީން ބުނެއެވެ. މި އެއަޕޓްމަންޓުތަކުގެ އަގުގެގޮތުގައި 6 ހާސް ރުފިޔާ ކަނޑައަޅާފައިވާއިރު، މި ޑިޒައިނަށް ބަދަލުގެނެސް، ކޮޓަރި އިތުރުކޮށްފިނަމަ އަގު 11000 ރުފިޔާއަށް އުފުލޭނެކަމަށް ލަފާކުރެވޭކަމަށް އެޗްޑީސިން ވަނީ ބުނެފައެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތަކަކީ ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކައިގެން އެތަނުގައި ކުރިއަށްގެންދަންފެށި އެންމެ ފުރަތަމަ ހައުސިންގ މަޝްރޫޢުއެވެ.