ޚަބަރު

ދިވެހި ކުލަތައް މިފަހަރު ޖަޕަނީސް ކިމޯނޯއަކުން


ދިވެހިރާއްޖެ ރަމްޒުކޮށްދޭ ކިމޯނޯއެއް ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ މައިދާނުގައި ދައްކާލައިފިއެވެ. ޖަޕާނުގެ ސަޤާފީ ހެދުމެއްކަމަށްވާ ކިމޯނޯއަކީ އެ ޤައުމުގައި ޚާއްސަ ދުވަސްތަކުގައި ލައިއުޅޭ އެޤައުމުގެ ސަޤާފީ ހެދުމެކެވެ.

ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ޖަޕާނަކީ ޘަޤާފީގޮތުން ވަރަށް ތަފާތު ޤައުމެކެވެ. އެގޮތުން އެޤައުމުގެ މީހުންގެ ދިރިއުޅުމާއި، ކެއިންބުއިމާއި، ހެދުން އެޅުމުގެ ވައްޓަފާޅިވެސް އެހެން ހުރިހާ ޤައުމަކާ މުޅިން ތަފާތެވެ. ޖަޕާނުން މިވަނީ ދާދިފަހުން އެޤައުމުގެ ސަޤާފީ ހެދުމެއްކަމަށްވާ ކިމޯނޯގެ ތަފާތު ރެންޑިޝަންތައް ދައްކުވައިދޭ ޙާއްޞަ ކަލެކްޝަންއެއް ދާދިފަހުން ދައްކާލާފައެެވެ.

"ފައިވް ކޮންޓިނެންޓް" ކިމޯނޯ ކަލެކްޝަން ޝޯގެ ނަމުގައި ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ބޭއްވި ޝޯއިން އެންމެ ފާހަގަވި އެއް ކިމޯނޯއަކަށް ވެގެން ގޮސްފައިވަނީ، ދިވެހިރާއްޖެ ރަމްޒުކޮށްދޭ ކިމޯނޯއެވެ. މި ކިމޯނޯއަކީ ދިވެހިރާއްޖެ ރަމްޒުކޮށްދޭގޮތަށް ފަރުމާކޮށްފައިވާ ފުރަތަމަ ކިމޯނޯކަން ހާމަކޮށް ޖަޕާންގައި ހުންނަ ދިވެހި އެމްބަސީއިން ވަނީ ޓުވީޓުވެސް ކޮށްފައެވެ.

ޖަޕާނުގެ ޑިޒައިނަރެއްކަމަށްވާ ސެކިޔާ ޔުކީޑޭ ޑިޒައިންކޮށްފައިވާ މި ކިމޯނޯއިން ދިވެހިވަންތަ ގިނަ ކަންތައްތަކެއް ފެނިގެންދެއެވެ. އެގޮތުން ދިވެހި ދިދައިގައިވާ ތިން ކުލަ (ފެއްސާއި، ރަތާއި ހުދު) ހިމަނާފައިވާއިރު ރާއްޖޭގެ ކަނޑުފަޅުގައި އުޅޭ މަސްމަހާމެހިވެސް ފެނެއެވެ. މީގެއިތުރުން ދިވެހިންގެ އަތްތެރިކަމުގެ މަސައްކަތާއި ކަސަބު ބޯވަޅުގެ ޑިޒައިންވެސް މި ކިމޯނޯގައި ހިމަނާފައިވެއެވެ. އަދި ރާއްޖެއިން ފެންނަ މާމެލާމެލިވެސް މި ކިމޯނޯގައި ހިމަނާފައިވެއެވެ.

ޖަޕާންް އެމްބަސީއިން ކުރި ޓުއީޓް

ކިމޯނޯއަކީ ތުނި ޝިފޯން ފޮތިން ފަހާފައި ހުންނަ ފޭރާމެކެވެ. ކިމޮނޯގެ އަސްލަކީ ޖަޕާނުގެ ސަޤާފީ ހެދުމެއް ކަމުގައިވީ ނަމަވެސް މީގެ މަޤުބޫލުކަން ހުޅަނގުގެ ފެޝަނަށް ލޯބިކުރާ މީހުންގެ މެދުގައި އިތުރުވެ މިހާރު މި ސަޤާފީ ހެދުންތަކުގެ އިތުރު ރެންޑިޝަންތައް ދުނިޔޭގެ އެކި ހިސާބުތަކުންވެސް ފެނެއެވެ. އެގޮތުން ބުރުގާއާއިއެކު ބޭނުންކުރާގޮތަށް ޑިޒައިންކޮށްފައިވާ ކިމޯނޯ ވަނީ ދާދިފަހުން އާންމުންގެ މަޤްބޫލުކަން ހޯދާފައެވެ.