ޚަބަރު

އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ދެ މިސްކިތެއް އޭސީކުރުމަށް ބަޔަކާ ހަވާލުކޮށްފި


އިޢާދަ ކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ދެ މިސްކިތެއް އޭސީކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެގޮތުން ގއ.ގެމަނަފުށީ މިސްޖިދުލް އިބްރާޙިމް އާއި އދ.ކުނބުރުދޫ މަސްޖިދުލް ރަޙްމާން އޭސީ ކުރުމަށް ހަވާލުކޮށްފައިވަނީ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެސްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އަޙްމަދު ޒާހިރުއެވެ. އަދި އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޙަސަން ޔާސިރުއެވެ. ދަޢުލަތުގެ ބަޖެޓުން ހަސަތޭކާ ހަތްދިހަ އަށް ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ ގެމަނަފުށި މިސްކިތުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 10 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެ މިސްކިތަކީ 710 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ކުނބުރުދޫ މިސްކިތުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ 10 ދުވަހުގެ ތެރޭގައި މަސައްކަޔް ނިންމާގޮތަށެވެ. މިއީ ދަޢުލަތުގެ ބަޖެޓުން ހަސަތޭކަ ސާޅީސް ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ މަޝްރޫޢެކެވެ. ކުނބުރުދޫގެ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ދެއްކެވި ވާހަކަފުޅުގައި ވަނީ އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތައް އޭސީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވަދުފުޅެއްކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ މި މިސްކިތްތައް އޭސީ ކުރުމުގެ މަސައްކަތް ނިމުމުން އަންހެނުންނަށްވެސް ފަސޭހަކަމާއެކު އެ މިސްކިތްތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ.

ޢިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ މިސްކިތްތައް އޭސީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެދަށުން 10 މިސްކިތެއްގައި އޭސީ ހަރުކުރުމުގެ ހުއްދަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ދެއްވާފައެވެ. މިސްކިތްތައް އޭސީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި 25 މިސްކިތެއް ހުށައެޅުމުން ރައީސް އޮފީހުން ވަނީ 10 މިސްކިތެއްގައި އޭސީ ހަރުކުރުމަށްޓަކައި 15 މިލިޔަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސަވާފައެވެ. އަދި އެ 10 މިސްކިތުގެ އިތުރުން އިސްލާމިކް މިނިސްޓްރީން އިތުރު މިސްކިތެއްވެސް އޭސީ ކުރުމަށް ނިންމާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އޭސީ ކުރުމަށްޓަކައި މިސްކިތްތައް ކަނޑައަޅާފައިވަނީ ރަށްތަކުގައި ހުރި މިސްކިތްތަކުގެ ތެރެއިން މިހާތަނަށް އޭސީކޮށްފައިނުވާ މިސްކިތްތައް ފާހަގަކޮށްގެންކަމަށެވެ. ސަރުކާރުގެ އަމާޒަކީ 2023ގެ ނިޔަލަށް ރާއްޖޭގެ މިސްކިތްތަކުގެ ތެރެއިން މަދުވެގެން %80 މިސްކިތުގައި އެއަރކޮންޑިޝަން ކުރުމަށް އިޔަދަކުރަނިވި ހަކަތަ ބޭނުންކުރުމެވެ.