ވިޔަފާރި

އެސްއެމްއީ ބޭންކު މެދުވެރިކޮށް 90 ރަށަކަށް ލޯނު ދޫކުރެވިއްޖެ - އިކޮނޮމިކް މިނިސްޓަރ


އެސްއެމްއީ ބޭންކު މެދުވެރިކޮށް ރާއްޖޭގެ 90 ރަށަކަށް ލޯނު ދޫކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެސްއެމްއީ ބޭންކަކީ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒްކޮށްގެން ރާއްޖޭގައި ހުޅުވި ފުރަތަމަ މާލީ އިދާރާއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވީ، އެސްއެމްއީ ބޭންކުން ލޯނު ދޫކުރަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެފަދަ ގޮތަކަށްކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައި އެ ބޭންކުން ލޯނު ލިބިފައިވާ ފަރާތްތައް ތިބިކަން ކަށަވަރު ކުރުމަކީ އެ ބޭންކުގެ އަމާޒެއްކަމަށާއި، މިހާތަނަށް ރާއްޖޭގެ 90 ރަށަކަށް އެ ބޭންކު މެދުވެރިކޮށް ލޯނު ދޫކުރެވިއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ލޯނު ދިނުމުގައި އަޅުގަނޑުމެން ވަރަށް ބަލަން ދިވެހިރާއްޖޭގެ ހަމަ ކޮންމެ ރަށެއްގައިވެސް އެ ލޯނުގެ މަންފާ ލިބޭ ފަރާތެއް ހުރޭތޯ. އެގޮތުން މިހާރު އަޅުގަނޑުމެންނަށް ލޯނު ދެވުނު ފަރާތްތަށް 90 ރަށެއްގައި ތިބޭނެ." މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޟު ވިދާޅުވީ، އެސްއެމްއީ ބޭންކުން ޚިދުމަތް ދޭންބޭނުންވާ އަވަސްމިނުގައި އަދިވެސް ނުދެވޭކަމަށެވެ. އެސްއެމްއީ ބޭންކުގެ މަސައްކަތް ފެށިއިރުވެސް އެ ބޭންކަށް ލިބުނު ތަރުޙީބު ބޮޑުކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ބޭންކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޟު ވިދާޅުވީ، ކުރިއަށްއޮތް ތަނުގައި ލޯނަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ލޯނު ނުލިބޭ ފަރާތްތަކަށްވެސް މަސްދުވަސްތެރޭ އެކަން އެންގޭނެކަމަށެވެ. އަދި ހުރިހާ މަރުހަލާއެއް ނިންމައި ގިނަވެގެން ތިންމަސްދުވަހުގެ ތެރޭގައި ލޯނުގެ ކަންކަން ހަމަޖައްސައިދިނުމަކީ އެސްއެމްއީ ބޭންކުގެ އަމާޒެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު ބައެއް ރަށްޔިތުންގެ ކަންބޮޑުވުން އެބަހުރޭ 5 މަސްދުވަސްވެސް ވާތީ. އަޅުގަނޑުމެންގެ ކުރުރާސްތާގެ ވިސްނުމަކީވެސް ކުރިއަށްއޮތް 2 މަސް ނުވަތަ 3 މަސްތެރޭ އަޅުގަނޑުމެންގެ ބެކްލޮގް ފިލީމައި ފުރަތަމަ ފޭސްއިން ރިޖެކްޓްވާ ފަރާތްތަކަށް މަސްދުވަސްތެރޭ އެނގެން. އަދި 3 މަސްދުވަސްތެރޭ ލޯނުގެ ކަންތައް ނިންމޭވަރުކުރުން." މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

އެސްއެމްއީ ބޭންކުގެ ޙިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. މިހާތަނަށް އެސްއެމްއީ ބޭންކަށް 900 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި ބޭންކު މެދުވެރިކޮށް މިހާތަނަށް 150 ފަރާތަކަށް ލޯނު ވަނީ ދޫކޮށްފައެވެ. މި ލޯނުތަކުގެ އަދަދު 200 މިލިއަނަށް އަރާކަމަށް އެ ބޭންކުން މަޢުލޫމާތުދެއެވެ.

އެސްއެމްއީ ބޭންކަށް މިހާރު އޮތް ގޮންޖެހުމަކީ ޑިމާންޑާއި އެެއްވަރަށް އެކަށީގެންވާ ފައިސާ ނެތުންކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. 2020 ވަނަ އަހަރުގެ ބަޖެޓުގައި އެސްއެމްއީ ބޭންކު މެދުވެރިކޮށް 400 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް 3 އަހަރު ކެޕިޓަލް ދޫކޮށް، ސަރުކާރަށް ބަރޯސާނުވެ ލޯނު ދޫކުރަން ބޭނުންވާ މިންވަރުގެ ފަންޑެއް އެ ކުންފުނީގައި ޤާއިމުކުރުމެވެ.