ކުޅިވަރު

އެއްވެސް މެޗަކުން ބަލިނުވެ، 12 އަހަަރުން ދަށުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދައިފި


އެފްއޭއެމުން ކުރިއަށްގެންދިޔަ 12 އަހަރުން ދަށުގެ ދިރާގު ޔޫތު ލީގުގެ ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ މާޒިޔާ އިން ހޯދައިފިއެވެ.

މާޒިޔާ ޗެމްޕިއަންކަން ކަށަވަރުކުރީ ލީގު ބުރުގެ ފަހު މެޗުގައި އިއްޔެ ހަވީރު 4-1 އިން މޯލްޑިވްސް ސޮކަ މޭޓްސް ބަލިކޮށްގެންނެވެ. މި އަހަރު ކުރިއަށް ގެންދިޔަ 12 އަހަރުން ދަށުގެ ލީގާއި 14 އަހަރުން ދަށުގެ ލީގު ޗެމްޕިއަންކަން ވެސް ހޯދީ މާޒިޔާއިންނެވެ. މި ދެ ލީގުގެ ޗެމްޕިއަންކަން ވެސް މާޒިޔާއިން ހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ.

ސޮކަ މޭޓްސް ކޮޅަށް މާޒިޔާގެ ޓީމުން ޖެހި ހަތަރު ގޯލުގެ ތެރެއިން އަނޫފް އަބްދުﷲ އާއި އަބްދުﷲ ރިޒާން މުހައްމަދު، ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފައެވެ. މެޗުގައި ސޮކަ މޭޓްސްއިން ކާމިޔާބުކުރި ގޯލަކީ މާޒިޔާގެ އަހުމަދު ހަމްދު މުހައްމަދު އަތުން ބައިކޮޅަށް ވަން ގޯލެކެއެވެ.

މި އުމުރުފުރައިގެ ޑްރީމް ޓީމުގައި ހިމެނުނީ ޗެމްޕިއަން މާޒިޔާގެ ހަތަރު ކުޅުންތެރިއަކާއި ޓީސީގެ ތިން ކުޅުންތެރިންގެ އިތުރުން ތިން ވަނަ ހޯދި ހުޅުމާލެ ސްޕޯޓްސް ސްކޫލުގެ ދެ ކުޅުންތެރިންނެވެ.

މާޒިޔާއިން ޑްރީމް ޓީމުގައި ހިމެނުނީ އަބްދުﷲ ރިޒާން މުހައްމަދު، ޔޫނުސް ޚަލީލް އަބްދުﷲ، ނަޝޫ އަހުމަދު ޝިހާމް އަދި ގޯލްކީޕަރު އައިދީން އަލީ ހަމީދުއެވެ. ޓީސީ ޓީމުން ހިމެނުނީ އީތަން އިބްރާހީމް ޒަކީ އާއި މުހައްމަދު އިލާން އިމްރާން އަދި އަހުމަދު ހަމްދާން އަޒްލީންނެވެ. ހުޅުމާލެ ސްޕޯޓްސް ސްކޫލުން ޑްރީމް ޓީމުގައި ހިމެނުނީ މުހައްމަދު އައިހަމް އިބްރާހީމް އަދި ހުސައިން އާއިޝް އަބްދުލް ވާހިދުއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ މާޒިޔާއަށް ޗެމްޕިއަންކަން ހޯދައިދިން މުހައްމަދު އަރީފްއެވެ.

އެފްއޭއެމްގެ ޓުވާޑްސް ފިއުޗާ ޕްރޮޖެކްޓްގެ ދަށުން މިދިޔަ އަހަރު ފެށި ޔޫތު ލީގަށް ބޮޑު ސަޕޯޓެއް ވަނީ ލިބިފައެވެ.