ކުޅިވަރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


އައްޑޫސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ މަހުގެ އެކަކާއި ހަމައަށް ހުޅުވާލައިފިއެވެ.

އައްޑޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، ހުނަރުވެރި ކުޅުންތެރިން އުފައްދައި އެކުޅުންތެރިންނަށް ވާދަވެރި މާޙައުލެއްގައި ވާދަ ކޮށްލެވޭނެ ފުރުޞަތު ހޯދައިދިނުމަކީ މިފަދަ މުބާރާތެއް އިންތިޒާމު ކުރުމުގެ މަޤްސަދު ކަމުގައި އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަވަށު އޮފީސްތަކުންނާއި، ސިޓީ ކައުންސިލް އިދާރާއިންނާއި އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުން ލިބެން ހުންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް ނަމުގައި ބާއްވާ މިމުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ. މުޅިސިޓީ އަށް ހުޅުވާލައިގެން ބޭއްވޭ މިމުބާރާތުގައި ހުރިހާ އަވައްތަކުން ޓީމްތަކަށް ވާދަ ކުރެވޭނެއެވެ. ފޯމްތައް އިއްޔެއިން ފެށިގެން ވަނީ ދޫކުރަން ފަށާފައެވެ.

މިއީ އައްޑޫސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ފުޓުބޯޅަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. އައްޑޫގައި ދާދިފަހުން ވަނީ 15 އަހަރުން ދަށުގެ ކުދީންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއްވެސް ބާއްވާފައެވެ.