ތިމާވެށި

މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ހުއްޓުވަންޖެހޭ


މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ހުއްޓުވުމަށް ބޭނުންވަނީ އަވަސް ހައްލެއް ކަމަށާއި، ވީއެންމެ އަވަހަކަށް އެކަންތަކައްތަކަށް ހައްލެއް ހޯދައިދެއްވުމަށް އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް އދ.ގެ ސެކިއުރިޓީ ކައުންސިލަށް ގޮވާލައްވައިފިއެވެ.އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ އާރިއާ ފޮމިއުލާ އޮން ސެކިއުރިޓީ ޑިމެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ބައްދަލުވުމުގައި އެއޯސިސްގެ ޗެއަރގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެބޮޑަށް އޭގެ ނޭދެވޭ އަސަރުކުރާ ޤައުމުތަށް ކަމަށާއި، އެކަމުގެ ސަބަބުން އެޤައުމުތަކުގައި ދެމެހެއްޓެނިވި ތަރައްޤީ ޤާއިމުކުރުމަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތް ވުމަށް ބޭނުންވާ ވަސީލަތްތަށް އެންމެ މަދީވެސް ކުދި ޖަޒީރާ ޤައުމުތަކުގައި ކަން މިނިސްޓަރ ޠާރިޤް ފާހަގަކުރެއްވިއެވެ.މިކަމަށް ހައްލު ހޯދައިދެއްވުމަށް އދ. ގެ ސެކިއުރިޓީ ކައުންސިލުން ވަރަށް އިސްދައުރެއް އަދާކުރާކަމަށާއި، އެކަމަކީ މުޅި އިންސާނީ ޖީލަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަކަށް ވާތީ އެކަމަށް ބޭނުންވަނީ އަވަސް ހައްލެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އާރިއާ ފޮމިއުލާ އޮން ސެކިއުރިޓީ ޑައިމެންޝަން އޮން ކްލައިމެޓް ޗޭންޖަކީ އެމެރިކާގެ ނިއުޔޯކުގައި ހޯމަދުވަހު ކުރިއަށްދިޔަ ހައިލެވެލް އިވެންޓް އޮން ކްލައިމެޓްޗޭންޖަށް ފަހު މެލޭޝިއާ އާއި ސްޕެއިނުން އިސްނަގައިގެން، ބާއްވާ ބައްދަލުވުމެކެވެ. މިބައްދަލުވުގައި މިނިސްޓަރ ޠާރިޤް އިބްރާހީމްގެ އިތުރަށް މިނިސްޓްރީގެ އިސް އޮފިޝަލުންނާއި އ.ދ އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު އަޙުމަދު ސަރީރު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.