ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވުން މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް މައްސަލަ ބެއްލެވުމަށް އަލަށް އެކުލަވާލި ބެންޗުން ނިންމަވައިފިއެވެ.
އެ ބެންޗުން ވަނީ މި މައްސަލަ މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުން ކުރިއަށް ގެންދިއުމަށްވެސް ނިންމަވާފައެވެ.
މިގޮތަށް އެ ބެންޗުން ނިންމަވާފައިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހުކުމް ކުރުމާ ހަމައަށް ގޮސްފައިވަނިކޮށް އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެން އެ ކޯޓުން އެ މައްސަލަ ބެލުމަށް އަލަށް އެކުލަވާލި ބެންޗުން ބޭއްވި ފުރަތަމަ އަޑުއެހުމުގައެވެ.
މި ޝަރީއަތުގެ މަޖިލީހުގެ ރިޔާސަތު ބައްލަވާ ގާޒީ ޢަލީ ރަޝީދު ވިދާޅުވީ އެގޮތަށް ނިންމީ މިހާރު މައްސަލައިގެ ހެކިބަސް ނެގުމުގެ ކަންކަންވެސް ނިމިފައިވާތީ ކަމަށް. އަދި ގާޒީއިން ބަދަލުވާ ހާލަތުގައި އަމަލުކުރާނެ ގޮތް ޖިނާއީއިޖުރާއަތު ގާނޫނުގެ 152 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށްވެސް އިސް ގާޒީ ވިދާޅުވިއެވެ. އެގޮތުން މައްސަލަ އަލުން ބެލުމަށްވެސް ނުވަތަ މައްސަލަ ނިންމާފައި އޮތް ހިސާބުން ކުރިއަށް ގެންދިއުމަށްވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާކަން އިސް ގާޒީ ވަނީ ފާހަގަކުރައްވާފައެވެ.
މި މައްސަލަ ބައްލަވާ ބެންޗުން މިގޮތަށް ނިންމެވުމުން ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.
އެހެން ނަމަވެސް މައްސަލައިގައި ގާޒީން ބަދަލުވެފައިވާތީ ޝަރީއަތުގެ މަޖިލީހުން ވަނީ ހުކުމް ކުރުމުގެ ކުރިން ދެ ފަރާތުންވެސް އިތުރަށް ދައްކާނެ ވާހަކައެއް އޮތް ނަމަ އެ ފުރުޞަތު ދެއްވާފައެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ ކުރިން ދައްކާފައިވާ ވާހަކަތައް އެގޮތުގައި ހުރުމުން އާ ވާހަކައެއް އާ ކަމެއް އެ މައްސަލައިގައި ފާހަގަ ކުރަން ނެތް ކަމަށެވެ.
ރައީސް ޔާމީންގެ ވަކީލުން ވަނީ މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަލީ ރަޝީދު އެ މައްސަލަ ބެއްލެވުމާމެދު އިއުތިރާޒު ކުރައްވާފައެވެ. ގާޒީ ޢަލީ ރަޝީދު މީޑިޔާއަށް އިންޓަވިއުއެއް ދެއްވާފައިވާ ކަމަށާއި އަދި އޭގެ ސަބަބުން އިތުބާރު ގެއްލިފައިވާ ކަމަށް ވެސް ރައީސް ޔާމިންގެ ވަކީލުން ފާހަގަ ކުރެއްވުމުން ގާޒީންގެ މަޖިލީހުން މަޝްވަރާ ކުރެއްވުމަށްފަހު ގާޒީ އަލީ ރަޝީދު އެ މައްސަލަ ބެއްލެވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮރަޕްޝަނުގެ ފައިސާ ކަމަށް ތުހްމަތު ކުރެވޭ ފައިސާ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާވެފައިވަނިކޮށް އެ ފައިސާ އިންވެސްޓުކޮށް އަދި އޭގެ އަސްލު އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހްމަތު ކުރެވޭ މައްސަލައިގައެވެ. ރައީސް ޔާމިންގެ މައްޗަށް މަނީ ލޯންޑްރައިންގެ ދައުވާ އުފުލާފައިވަނީ މަނީ ލޯންޑްރިންނާއި ޓެރަރިޒަމްއަށް ފައިނޭސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ ށ ދަށުނެވެ.
އެ ޤާނޫނު ބުނާ ގޮތުން މަނީލޯންޑްރިންގެ ކުށެއް ކޮށްފި މީހަކަށް ކުށްސާބިތުވެއްޖެނަ ދެ ގޮތަކަށް އަދަބު ދެވިދާނެއެވެ. އެއް ގޮތަކީ އެމީހަކު އެއްލައްކަ ރުފިޔާއާއި އެއްމިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ދެ ވަނަ ގޮތަކީ ޢަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ޢަދަދު (ލޯންޑަރކުރި ފައިސާގެ ޢަދަދު) ގެ 5 ގުނައަށްވުރެ އިތުރުނުވާ ޢަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.