ވިޔަފާރި

ވޯކް ޕާމިޓް ލިބޭނީ ޖޮބް ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި - މިނިސްޓަރ ފައްޔާޟް


ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވޯކް ޕާމިޓް ދެން ލިބޭނީ ޖޮބް ޕޯޓަލްގައި ރަޖިސްޓްރީވުމުންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ޖޮބް ޕޯޓަލް ރަސްމީކޮށް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ ޖޮބް ޕޯޓަލް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ވަކި ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށެވެ. އެގޮތުން ބޭރުގެ މުވައްޒަފުން ރާއްޖެ ގެނައުމަށް ބޭނުންވާ ކޯޓާ ދިނުމުގައި މި ޕޯޓަލްގައި ރަޖިސްޓްރީވެފައިވުން ލާޒިމްކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިކަން ކާމިޔާބުކުރުމަށްޓަކައި އަޅުގަނޑުމެން ގެންނާނަން ބައެއް މެޝާސް. ވަޒީފާ ދޭ ފަރާތްތަކުން ލިސްޓުކުރުމަށް އަޅުގަނޑުމެން މަޖުބޫރެއް ނުކުރާނަން. އެހެންނަމަވެސް، ކުރިއަށްއޮތްތާނގައި އަޅުގަނޑުމެން ބޭރު މުވައްޒަފުންނަށް ކޯޓާ ދިނުމުގައި މި ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ނޫނީ ވޯކް ޕާމިޓްއެއް އިޝޫއެއް ނުކުރާނަން. " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ޕޯޓަލްގެ ތެރެއިން ބޭރުގެ ފަރާތްތަކަށް ވަޒީފާދޭނީ މި ޕޯޓަލްގައި ހުރި ވަޒީފާތަކަށް ޝަރުތު ހަމަވާ ދިވެއްސެއް ނެތް ހާލަތެއްގައިކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއީ ސަރުކާރުން ވަރަށް ވިސްނުންތެރިކަމާއެކު ކުރިއަށްގެންދާ ކަމެއްކަމަށެވެ. އެހެންނަމަވެސް މިއީ ދިވެހިންނަށް ފައިދާއަށް ކުރާ ކަމެއްކަމަށާއި މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެކަމަށްވެސް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

އަލަށް ތަޢާރަފްކުރެވުނު ޖޮބްޕޯޓަލްއާއެކު ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ދެކެއެވެ. އަދި މީގެ ސަބަބުން ވަޒީފާގެ ގިނަ ފުރުޞަރު އުފެދިގެންދާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

މި ސަރުކާރަށް އެއް އަހަރު ފުރިފައިވާއިރު މިހާތަނަށް ސަރުކާރުން ވަނީ 9000 އާއި ގާތްކުރާ ޢަދަދަކަށް ވަޒީފާ އުފައްދާފައެވެ. މި ޖޮބް ޕޯޓަލްއާއެކު އިތުރު ވަޒީފާތައް އުފެއްދުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ.