ޚަބަރު

ވަގުތީ ނަތީޖާ ދައްކާގޮތުން ވޯޓުގެ %48.2 ގޮތަބަޔާ ރާޖަޕަކްސައަށް!


ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެ ޤައުމުގެ ރިޔާސީ ރޭސް ކާމިޔަބުކުރެއްވީ އިދިކޮޅު މައި ޕާޓީގެ ކެނޑިޑޭޓް، ކުރީގެ ދިފާޢީ ވަޒީރު ގޮތަބަޔާ ރާޖަޕަކްސައެވެ. އެ ޤައުމުގެ މައި އިދިކޮޅު ޕާޓީ އެސްއެލްޕީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ގޮތަބަޔާއަކީ 10 އަހަރުވަންދެން ސްރީ ލަންކާގައި ވެރިކަން ކުރެއްވި އެ ޤައުމުގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކޮއްކޮއެވެ.

މިދިޔަ ހޮނިހިރު ދުވަހު ފެށިގެން ކުރިޔަށްދިޔަ އިންތިޚާބުގައި ގޮތަބަޔާއަށްވަނީ %48.2 ވޯޓު ލިބިވަޑައިގެންފައެވެ. އަދި ރާޖަޕަކްސައާ އެންމެ ގާތުން ވާދަކުރެއްވި ސަޖިތް ޕްރެމަދާސާއަށް ލިބިވަޑައިގަތީ %45.3އެވެ.

ގޮތަބަޔާއަށް ސްރީ ލަންކާގެ އިންތިޚާބު ކާމިޔާބުކުރެވުނު މައިގަނޑު ސަބަބެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރަނީ އެއީ މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ސްރީ ލަންކާގެ އަސްކަރިއްޔާއިން އެ ޤައުމުގައި ވަކިވެގަތުމަށް މަސައްކަތްކުރަމުންދިޔަ ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށްފަހު އެ ޖަމާޢަތް ބަލިކޮށް ސްރީ ލަންކާގެ ދާޚިލީ ހަނގުރާމަ ނިނުމަކަށް ގެނައުމެވެ. އޭރު އިސްކޮށްހުންނެވީ މަހިންދަ ކަމަށްވީނަމަވެސް އޭނާގެ ފަހަތުގައި ޑިފެންސް ސެކްރެޓަރީއެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގެންނެވީ ކޮއްކޯފުޅު ގޮތަބަޔާއެވެ.

ސްރީ ލަންކާގެ އިންތިޚާބާބެހޭ މަރުކަޒުން ވިދާޅުވީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ނަތީޖާ ފުރިހަމައަށް ހާމަވެގެންދާވަރަށް ގުނުމުގެ ކަންކަން ނިމޭނެކަމަށެވެ. އަދި 24 ގަޑިއިރު ތެރޭ އެ ޤައުމުގެ އައު ރައީސެއް ހުވާކުރައްވާނެކަމަށެވެ.

އެތައް މިލިއަން ރައްޔިތުން ވޯޓުލާން ބައިވެރިވީއިރު، މި އިންތިޚާބުގައި ވޯޓުލުމުގެ ޝަރުތު ހަމަވަނީ 15.9 މިލިއަން މީހުންނަށެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ސްރީ ލަންކާގެ އެކި ސަރަޙައްދުތަކުގައި 12،845 ވޯޓު ފޮށި ބެހެއްޓިކަމަށް އެ ޤައުމުގެ އިންތިޚާބާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިޚާބުގައި 35 ކެނޑިޑޭޓުން ވާދަކުރައްވައެވެ. މިއީ އެ ޤައުމުގައި ބާއްވާ ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.