ޚަބަރު

ޑރ.އަފްރާޝީމްގެ މަރާ ގުޅޭ ރިޕޯޓު: ޑރ.ޝަހީމަށް ބޮޑެތި ތުހުމަތުތަކެއް


މަރުހޫމް ޑރ.އަފްރާޝީމް ޢަލީއާއި ގުޅޭގޮތުން މަރު ކޮމިޝަނަށް އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވާފައިވަނީ ދޮގު ބަޔާނެއްކަމަށް ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ބުނެފިއެވެ.

ޑރ.އަފްރާޝީމް ޢަލީގެ މަރާއި ގުޅިގެން މަރުކަތާއި ބެހޭ ކޮމިޝަންގެ ރިޕޯޓްގެ ޚުލާސާ ރައްޔިތުންގެ މަޖިލީހަށް އިއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މި ރިޕޯޓުން އަފްރާޝިމްގެ މަރުގެ ކަންކަން ހިނގާފައިވާ ގޮތް ވަރަށް ތަފްސީލުކޮށް ހާމަވާކަމަށެވެ. ރިޕޯޓްގައި ހުރި ބައިތަކުގެ ތެރެއިން، އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް ޢަލީ ސައީދުއާއި، ޑރ.އަފްރާޝީމް ޢަލީ އާއިދެމެދު ކުރެވުނު ޓެކްސްޓް މެސެޖްތަކާއި، ބައްދަލުކޮށް ދެކެވުނު ވާހަތައް ހާމަކޮށްފައިވެއެވެ.

އެގޮތުން 1 އޮކްޓޯބަރުގައި އަފްރާޝީމްއާއި ޝަހީމްއާއި ކުރެވުނު މުއާމަލާތްތަކުން އަފްރާޝީމް އެރޭ ޓީވީއެމް ޕްރޮގުރާމަށް އަރުމަށް ޑރ.ޝަހީމް ބާރު އެޅުއްވިކަން ރިޕޯޓުން ހާމަވެއެވެ. އަފްރާޝީމް ދީނީ ގޮތުން ޚިޔާލުތަފާތުވާގޮތަށް ދައްކަވާ ވާހަތަކާއި ގުޅިގެން ޓީވީ ޕްރޮގުރާމެއްގައި މަޢާފް އެދިވަޑައިގެންނެވުމަށްވެސް ޑރ.ޝަހީމް ދަންނަވާފައިވާކަމަށް ރިޕޯޓުގައި ވެއެވެ. އަދި މިކަން ކުރުމަށް މިނިސްޓްރީގައި ޕްރެސް ކޮންފަރެންސެއް ރޭވުމަށްވެސް އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް މަސައްކަތް ކުރެއްވިކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ޑރ.އަފްރާޝީމް މަރާލި ރޭ ޓީވީއެމްގެ ޕްރޮގުރާމަށް އެރުވުމަށް އެންމެބޮޑަށް ބާރުއެޅުއްވީ ޑރ.ޝަހީމްކަމަށް މަޖިލީހުގެ ރައީސް ހާމަކުރެއްވި ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ. އަދި އަފްރާޝީމް މަރާލި ދުވަހު ރާއްޖެ ދޫކޮށް ދިޔަ މީހުންގެ ތެރޭގައިވެސް ޑރ.ޝަހީމް ހިމެނި ވަޑައިގަންނަވާކަމަށް ރިޕޯޓުން ހާމަވެއެވެ.

ޑރ.އަފްރާޝީމް ޢަލީގެ މަރާއި ގުޅިގެން ޑރ.،މުހައްމަދު ޝަހީމް ޢަލީ ސައީދުގެ ބަޔާނެއް ދެއްވުމަށް އެދުމުން ލިޔުމުން މަރު ކޮމިޝަނަށް ހުށަހެޅި ބަޔާނަކީ ދޮގު މައުލޫމާތުތަކެއް ހިމެނޭ ބަޔާނެއްކަން ކޮމިޝަނުން ބެލި ބެލުމުން ހާމަވާކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

ޑރ.އަފްރާޝީމްގެ މަރާލުމަށް 4 މިލިޔަނާއި 6 މިލިޔަނާއި ދޭތެރޭ އަދަދަކަށް ފައިސާ ޚަރަދުކޮށްފައިވާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މިފައިސާ ދައުރުވެފައިވާ ގޮތާއި، ވަދެފައިވަނީ ކޮން އެކައުންޓްތަކެއްތޯ އެމްއެމްއޭ މެދުވެރިކޮށް ބެލުމަކީ މުހިންމު ކަމެއްކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަރުކޮމިޝަނުން އެކުލަވާލާފައިވާ އަފްރާޝީމްގެ މަރާގުޅޭ ރިޕޯޓްގައި ރާއްޖޭގައި ދީނީ ހަރުކަށީ ވިސްނުން ފަތުރާ ފަރާތްތަކާއި، އެފަރާތްތަކުން މިކަން ކުރުމުގެ މަޤްޞަދު ވަނީ ހާމަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީ ރަހުމުކުޑަ ގޮތަކަށް އަވަހާރަކޮށްލާފައިވަނީ 2012ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 2ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު، އޭނާ ދިރިއުޅުއްވާ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ. ޑރ.އަފްރާޝީމް އަވަހާރަކޮށްލާފައިވާއިރު އެ މައްސަލާގައި މިހާތަނަށް ދައުވާ ސާބިތުވެފައިވަނީ އެންމެ މީހެއްގެ މައްޗަށެވެ. އަފްރާޝީމްއަށް ފުރައްސާރަކޮށް ޖެއްސުންކޮށް ދުއްތުރާކުރި އެއްވެސް މީހަކަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަންވެސް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.