ޚަބަރު

މޮރޮކޯގެ ޤާނޫނު ހަދާ މަޖިލީހާއި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވައިފި


ދިވެހިރާއްޖެއާއި މޮރޮކޯގެ ޤާނޫނު ހަދާ މަޖިލީހާއި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ދިވެހިރާއްޖެއިން މި މަޝްވަރާތަށް ކޮށްފައިމިވަނީ، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މޮރޮކޯއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މޮރޮކޯގެ ހައުސް އޮފް ރިޕްރެސެންޓޭޓިވްސްގެ ރައީސް ހަބީބް އަލް މާލިކީ އާއެކު ބޭއްވެވި ބައްދަލުކުރެެއްވުމުގައެވެ.

ފޮރިން މިނިސްޓްރީގެ ޓުއީޓް

މި ބައްދަލުވުމުގައި ދެ ބޭފުޅުންވަނީ ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މުހިންމު މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި މޮރޮކޯގެ ޤާނޫނު ހަދާ މަޖިލީހާއި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ފޮރިން މިނިސްޓްރީގެ ޓުއީޓް

މޮރޮކޯގެ ހައުސް އޮފް ރިޕްރެސެންޓޭޓިވްސްގެ ރައީސް ހަބީބް އަލް މާލިކީ އާއި ބައްދަލުކުރެއްވުމަށްފަހު ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ، މޮރޮކޯގެ ކަސަބަލަންކާގައި ހުންނަ ޙަސަން ދެވަނަ މިސްކިތަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި މިސްކިތަކީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު މިސްކިތެވެ. މި މިސްކިތުން މުސްލިމުންގެ މަސައްކަތްތެރިކަމާއި އަތްތެރި މަސައްކަތްތަކުގެ ކަވިކަން ފެނިގެންދެއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މޮރޮކޯއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުވަނީ އެ ޤައުމުގެ ބޮޑުވަޒީރުގެ އިތުރުން ޚާރިޖީ ވަޒީރާއިވެސް ބައްދަލުކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. އެގޮތުން 90 ދުވަހުގެ އޮން އެރައިވަލް ވިސާގެ އެއްބަސްވުމަކާއި، ދެ ޤައުމުގެ ޚާރިޖިއްޔާގެ ގުޅުން ބަދަހިކުރުމާއި އިސްލާމްދީނާއި ގުޅޭ ކަންކަމުގައި އެއްބާރުލުންދިނުމަށް ވަނީ އެއްބަސްވެފައެވެ.
ދިވެހިރާއްޖެއާއި މޮރޮކޯއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 4 ފެބްރުއަރީ 1988 ގައެވެ.