ޚަބަރު

އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ ނިލްސް މެލްޒާ މިއަދު ރާއްޖެ ވަޑައިގަންނަވާނެ


ރާއްޖޭގެ އިންސާނީ ހައްޤުތަށް އޮތް ހާލަތު ދެނެގަތުމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ، ނިލްސް މެލްޒާ މިއަދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

މިމަހުގެ 17 އިން 24 އަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ކުރައްވާ މި ދަތުރުފުޅަކީ ދިވެހި ސަރުކާރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ ގެ މިޝަން ރާއްޖެ އައުމަށް ހަމަޖެހިފައި މި ވަނީ ރާއްޖޭގައި މީގެ ކުރިން ހިންގާފައިވާ ރަހުމުކުޑަ، ލާއިންސާނީ، އަދި ދަށުދަރަޖައިގެ އަދަބުތަކާއި އަމަލުތައް ހުއްޓުވުމަށާއި، އެފަދަ އަމަލުތައް ކުރިއަށް އޮތް ތާނގައި ނުހިގާނެކަން ޔަގީންކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނެކަމަށް ވައުދުވެ، ދިވެހި ސަރުކާރުން ދީފައިވާ ދައުވަތަކަށެވެ. ސްޕެޝަލް ރެޕެޓުއަރ މެލްޒަރ ގެ މިދަތުރުގައި މިފަދަ އަމަލުތައް ހުއްޓުވުމަށް އެޅިފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯއާއި، ކުރިއަށް އޮތްތާނގައި ރަނގަޅުކުރަންވީ ކަންތައްތަކަކީ ކޮބައިކަން ބަލާނެއެވެ.

ސްޕެޝަލް ރެޕެޓުއަރ ގެ މި ދަތުރުގައި ސަރުކާރުގެ އިސް ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ޖުޑީޝިއަރީގެ އެކިއެކި ފަރާތްތަކުގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކާއި، ނެޝަނަލް ހިއުމަން ރައިޓްސް މެކޭނިޒަމްގެ އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ޤާނޫނީ ވަކީލުންނާއި، އިލްމުވެރިންނާއި، އެކްޓިވިސްޓުންނާއި، އަނިޔާ ލިބިފައިވާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކާވެސް ސްޕެޝަލް ރެޕަޓުއަރ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސްޕެޝަލް ރެޕެޓުއަރގެ މި ދަތުރުގައި ޖިނާއި އަދުލުގެ ނިޒާމުގެ ތެރޭގައްޔާއި، އިމިގްރޭޝަންއާއި، ސިއްޙީ ދާއިރާގެ އިތުރުން އިޖްތިމާއި ޚާއްސަ އެހީ ބޭނުންވާ ފަރާތްތައް ފަދަ، މިނިވަންކަމުން މަހުރޫމްވެފައިވާ މީހުން ބޭތިއްބުމަށް ޚާއްސަ ތަންތަނަށް ޒިޔާރަތްކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މި ދަތުރުން ފާހަގަކުރެވޭ ކަންތައްތައް ހިއްސާކުރުމަށްޓަކައި 24 ނޮވެމްބަރު 2019 ވަނަ ދުވަހުގެ 13:30 ގައި މާގިރި ހޮޓެލްގައި ޕްރެސް ކޮންފަރަންސެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އ.ދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ ނިލްސް މެލްޒަރ ރާއްޖެއަށް ކުރަން ހަމަޖެހިފައިވާ މި ދަތުރުން ފާހަގަ ކުރެވޭ ކަންކަމުގެ ފުރިހަމަ ރިޕޯޓް، މާޗް 2021 ގައި އ.ދ. ގެ ހިއުމަން ރައިޓްސް ކައުންސިލް އަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ، ނިލްސް މެލްޒަރ، ރާއްޖެއަށް ކުރާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.