ކުޅިވަރު

އައްޑޫގައި ބޭއްވި "ރަން - ސްވިމް " ހަރަކާތް ނިންމާލައިފި



އައްޑޫގައި ބޭއްވި ފުރަތަމަ ' ރަން-ސްވިމް ' ހަރަކާތް ނިންމާލައިފިއެވެ. މިޙަރަކާތުގައި 165 ބައިވެރިން ބައިވެރިވިއެވެ.

މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ބޭއްވި މިޙަރަކާތަކީ، ފެތުމާއި ދުވުން ޕްރޮމޯޓު ކުރުމުގެ އިތުރުން، ލޯކަލް ސްޕޯޓްސް ޓުއަރިޒަމް އައްޑޫގައި ތަރައްޤީ ކުރުމަށް ބޭއްވިގެން ދިޔަ ހަރަކާތެއް ކަމަށް އެފަރާތުން ބުނެއެވެ. މިޙަރަކާތުގައި ދުވެފައި ވަނީ، ހިތަދޫ ޓްރެކް ސަރަހައްދުން ފެށިގެން، ލިންކްރޯޑާ ހަމަޔަށެވެ. އަދި ފެތުމުގެ ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، ހިތަދޫ ޓްރެކް އިން ފެށިގެން ދެކުނަށް 2 ކިލޯމީޓަރު ސަރަހައްދެއްގެ ތެރޭގައެވެ.

ލައިފްގާޑް އެސޯސިއޭޝަންގެ ސީނިއާރ އިންސްޓްރަކްޓަރ ޢަބްދުލްޢަލީމް ޢަބްދުއްރަޙްމާން ވިދާޅުވީ، ފުރަތަމަ ފަހަރަށް ބޭއްވިގެން ދިޔަ ހަރަކާތަކަށް ވާއިރު މިއީ ކާމިޔާބު ޙަރަކާތެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަހަރުގެ ހަރަކާތް ބޭއްވިގެން ދިޔައީ ގިނަ ބަޔަކަށް ފުރުޞަތު ދިނުމަށް ލިމިޓް ނުކޮށް ކަމަށެވެ.

" އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ މާބޮޑަށްވެސް ރަނގަޅު. ދެ ސްޕޯޓްސް އެއްކޮށްލާފައި ބޭއްވީ ވަރަށް ގިނަ ބަޔަކަށް ޗާންސް ދޭން ވެގެން. ލިމިޓް ނުކޮށް ހުރިހާ އޭޖަކަށް މިބޭއްވީ. މިފަހަރު ބޭއްވީ މާސްޓާސްގެ ދެ ލެވެލްއެއް. އަންޑަރ 6، އަންޑާރ 8 އަދި އަންޑަރ 12، 14 އަދި 16 އެއްކޮށްލައިގެން މިބޭއްވި. 1 ދުވަހުގެ އިވެންޓެއް މިއީ، ދެސެޝަނަކަށް ބަހާލައިގެން ބޭއްވި " އަލީމް ވިދާޅުވިއެވެ.

މިހަރަކާތް ކުރިއަށް ދިޔައީ ދެސެޝަނަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނު ސެޝަނުގައި އޮތީ 6 އަހަރުން ދަށާއި 8 އަހަރުން ދަށުގެ ކުދިންގެ 1 ކިލޯމީޓަރުގެ ދުވުމާއި، 500 މީޓަރުގެ ފެތުމެވެ. ހެނދުނު ސެޝަންގައި ދެން އޮތީ 10 އަހަރުން ދަށުގެ 2 ކިލޯމީޓަރުގެ ދުވުމަކާއި 1 ކިލޯމީޓަރުގެ ފެތުމުކެވެ. މެންދުރު ފަހު ސެޝަނުގައި އޮތީ 12 އަހަރުން ދަށާއި، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ކުދިންގެ ހަރަކާތެވެ. މިއުމުރުފުރާތައް ބަހާލައިގެން ކުރިއަށްގެންދިޔަ މިހަރަކާތުގައި 3 ކިލޯމީޓަރުގެ ދުވުމަކާއި ދޮޅު ކިލޯމީޓަރުގެ ފެތުމެއް އަދި 2 ކިލޯމީޓަރުގެ ދުވުމަކާއި 4 ކިލޯމީޓަރުގެ ފެތުމެކެވެ. މެންދުރު ފަހު ސެޝަންގައި މާސްޓާސްގެ ދެ ލެވެލް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއީ ފުރަތަމަ ލެވެލްގައި 3 ކިލޯމީޓަރުގެ ދުވުމަކާއި 3 ކިލޯމީޓަރުގެ ފެތުމެއް އަދި ދެވަނަ ލެވެލްގައި 5 ކިލޯމީޓަރުގެ ދުވުމަކާއި 1 ކިލޯމީޓަރުގެ ފެތުމެކެވެ.

މިހަރަކާތުގައި ބައިވެރިވި ބައެއް ފަރާތްތަކުން ފާހަގަ ކުރި ގޮތުގައި މިފަދަ ޙަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވެގޮތް ވުމުން މިދާއިރާއިން ފާހަގަ ކޮށްލެވޭ ވަުގެ ކުރިއެރުންތަކެއް ފެނިގެންދާނެއެވެ. އަދި ރާއްޖޭގައި މިފަދަ ޙަރަކާތްތަކުގައި ބައިވެރިވާ ގްރޫޕްތަށް އެބަ ތިބި ކަންވެސް ބައިވެރިން ފާހަގަ ކުރިއެވެ.

" އައްޑޫސިޓީގެ ލޯކަލް ޓޫރިޒަމް އަށާއި، ބައިނަލް އަޤްވާމީ ފަރާތްތަކަށް ވަރަށް ބޮޑަށް ލިބޭ ހިއްވަރެއް މިއީ އައްޑުއަށް އައުމަށް. ވަރަށް ބޮޑު ކުރިއެއްރުމެއް ލިބޭނެ ކަމަށް މިއީ. މިފަދަ ހަރަކާތްތަށް ބާއްވަންޏާ ރާއްޖޭގެ އެކި ސަރަހައްދު ތަކުން މީހުން އަންނާނެ " ބައިވެރިން ފާހަގަ ކުރިއެވެ.

މިއީ އައްޑޫގައި ބޭއްވި ފުރަތަމަ ' ރަން ސްވިމް ' ހަރަކާތެވެ. ލައިފްގާޑް އެސޯސިއޭޝަނުން ވިދާޅުވީ މިހަރަކާތް މިއަންނަ އަހަރު މިއަވުރެ ގިނަ ފަރާތްތަކާއި އެކު މިއަށްވުރެން ކުލަ ގަދަ ކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.