 
										
			ބާދުޝާހު ޑަބްލިއުއެސްއޭ ބީޗް ގޭމްސްއަކީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް ލިބޭ ރަގަނޅު ފުރުސަތެއްކަމަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ފަޒްނާ މުހައްމަދު ވިދާޅުވެއްޖެއެވެ. 
މިހާރު ކުޅުދުށް ފުށީގައި ކުރިޔަށް ދާ ގޭމްސްގައި ބައިވެރިވުމަށް އެރަށުގައި ހުންނަވާ ޕީއެސްއެމް ސްޕޯޓްއާއި ވާހަކަ ދައްކަވަމުން ފަޒްނާ ވިދާޅުވީ މި ގޭމްސްއަކީ އަކީ ރަށްރަށުގެ ތިބި ކުޅުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަމަށެވެ. މި ގޮތުން ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އެކު ރަށުގައި ތިބި ކުޅެން ލިބުމަކީ އަތޮޅު ތެެރޭގައި ކުޅިވަރު ކުރިއެރުމަށް އެޅޭ ރަނގަޅު ފިޔަވަޅެއްކަމަށްވެސް ފަޒްނާ ވިދާޅުވިއެވެ. 
ރާއްޖޭގައި ނެޓްބޯޅައަށް ދިމާވެެފައިވާ މައްސަލަތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށާއި ޑަބްލިއުއެސްއޭގެ މި ގޭމްސްގެ ސަބަބުން  އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށްވެސް ފަޒްނާ ވިދާޅުވިއެވެ. އަދި ޑަބްލިއެސްއޭގެ މި ނަމޫނާ ބަލާ އަތޮޅުތެރޭގައި ހިންގާ އެކަޑަމީތަކުން މިފަދަ ކުޅިވަރު ހަރަކާތްތައް ނަމޫނާ ބަލާ ރަށްރަށުގައި ގިނަ ކުޅިވަރުތައް ބާއްވަންޖެހޭކަންވެސް  ފަޒްނާ ފާހަގަކުރެއްވިއެވެ. 
		
 
										
			“ ޑަބްލިއުއެސްއޭ އެކަޑަމީގެ ފަރާތުން މިދައްކާދީފައިވަނީ ވަރަށް ރަގަނޅު ނަމޫނާއެެއް. މިއީ އެއްވެސް ބަޔަކަށް މިހާތަނަށް ކުރެވިފައިވާ ކަމެއްނޫން. އެތަނަކުން ގިނަ ކުޅިވަރު ކުޅުމުގެ ފުރުސަތު ލިބިގެން ގޮސް، ކުޅިވަރުގެ ގިނަ ފަރާތްތަކާއި ދިމާވެ، ހިޔާލު ބަދަލު ކުރަންވެސް މިއީ ވަރަށް ރަގަނޅު ފުރުސަތެއް. އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ގައުމީ ޓީމްތަކަށްވެސް ކުޅެމުން އަންނަ ކުޅުންތެރިންނާއެކު، އަމިއްލަ ރަށުގައި ހުރެގެން ކުޅުމުގެ ފުރުސަތު ލިބޭކަން މިއީ ފާހަގަކޮށްލެންޖެހޭކަމެއް. މިކަމުގެ ސަބަބުން ވަރަށް ގިނަ ކުދިންނަށް ވަރަށް ގިނަ ކަންތައްތައް ދަސްވެގެންދާނެ. ހާއްސަކޮށް ކުޅިވަރުން ކުރިއަށް ދިއުމަށް ޝައުގުވެރިކަން އުފެދޭނެ.” ރައީސް ފަޒްނާ ބުންޏެވެ. 
ކުޅުދުއްފުށީގައި ނެޓްބޯޅަ ކުރިއަރުވަން މިލިބުނީ ވަރަށް ރަގަނޅު ފުރުސަތެއްކަމަށާއި މިގޭމްސްގެ ސަބަބުން ވަރަށް ގިނަ އާ ކުޅުންތެރިންތަކެއް ނެޓްބޯޅަ ކުޅެންފަށާފައިވާކަމަަށްވެސް ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ފަޒްނާ ވިދާޅުވިއެވެ. 
ރާއްޖޭގައިވެސް ފުރަތަމަ ފަހަރަށް ބާއްވާ ބީޗް ގޭމްސްގައި ވާދަކުރާ ކުޅިވަރުތަކުގެ ތެރޭގައި ތްރީ އޮން ތްރީ ބާސްކެޓާއި، ބީޗް ހޭންޑް ބޯލް، ބީޗް ވޮލީ ބޯލް އަދި ނެޓްބޯލް ހިމެނެއެވެ. އަދި މިގޭމްސްގައިވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރ ބެޑްމިންޓަންވެސް ތައާރަފްކޮށްފައެވެ.