ޚަބަރު

ވޯލްޑް ސްކޯލަރސް ކަޕުން ދިވެހި ދަރިވަރުން ހޯދި ރަން ވަނަތަކަށް ރައީސް މަރުޙަބާ ދަންނަވައިފި


އެމެރިކާގައި ކުރިއަށްދިޔަ 2019 ވަނަ އަހަރުގެ ވޯލްޑް ސްކޯލަރސް ކަޕުން ދިވެހި ދަރިވަރުން ހޯދި ރަން ވަނަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މަރުޙަބާދަންނަވައިފިއެވެ.

މިމަހުގެ 8 އިން 13 އަށް އެމެރިކާގެ ޔޭލް ޔުނިވަރސިޓީގައި ކުރިއަށްދިޔަ ވޯލްޑް ސްކޯލަސް ކަޕް ޓޯނަމެންޓްގައި ރާއްޖޭގެ ދަރިވަރުންވަނީ އެކި ކެޓަގަރީތަކުން 17 ގޯލްޑް މެޑަލްއާއި، 12 ރިހި މެޑަލް އަދި ޖޫނިއަރސް ކެޓަގަރީއިން ޓްރޯފީއެއް ޙާސިލްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުއީޓް

މި މުބާރާތުގައި ވާދަކޮށް ދިވެހި ދަރިވަރުން ހޯދި ކާމިޔާބީތަކަށް މަރުޙަބާދަންނަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުއީޓެއްގައި އެމަނިކުފާނުވަނީ، މި ދަރިވަރުން ރާއްޖެއަށް ހޯދައިދިން ރަން މެޑަލާއި ރިހި މެޑަލްތަކަކީ ދިވެހިންގެ ނަން ބައިންލްއަޤްވާމީ މުޖުތަމަޢުގައި ވިދުވާލި ކާމިޔާބީއެއްކަމަށް ސިފަކުރައްވާފައެވެ. އަދި ދިވެހި ދަރިވަރުން ބައިނަލްއަޤްވާމީ މައިދާނުގައި ހޯދާ ކާމިޔާބީތަކަށް ފަޚުރުވެރިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ވޯލްޑް ސްކޯލަރސް ކަޕުން ދިވެހި ދަރިވަރުން ރަން ވަނަތަކެއް ހޯދާފައިވާއިރު، މިއަހަރުގެ މުބާރާތުގައި ރާއްޖެ ތަމްޞީލްކޮށްފައިވަނީ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި، ހުރަވީ ސްކޫލް، ޣާޒީ ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އަދި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނެވެ.

ވޯލްޑް ސްކޯލަރސް ކަޕްގައި ރާއްޖެއިން މީގެ ކުރިންވެސް ވަނީ ރަން ވަނަތަކެއް ހޯދާފައެވެ. އެގޮތުން މިދިޔައަހަރު ރާއްޖެއިން ވާދަކުރި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުންވަނީ ގިނަ ރަން ވަނަތަކެއް ޙާސިލްކޮށްފައެވެ.

ވޯލްޑް ސްކޯލަރސް ކަޕަކީ، ދުނިޔޭގެ އެކި ޤައުމުތަކުން ދަރިވަރުން ބައިވެރިވެ އެކިއެކި މައްސަލަތަކާއި މެދު މަޝްވަރާކޮށް ޚިޔާލުބަދަކުރުމަށް ކުރިއަށްގެންދާ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގެ ތެރެއިން ބަހުސްތަކާއި، ލިޔުމުގެ މުބާރާތްތަކާއި، ސުވާލު މުބާރާތްތަށް ޓީމްތަކަށާއި، ވަކިވަކި ސޯލޯ ރައުންޑްތަކަށް ބަހާލައިގެން ކުރިއަށްގެންދެއެވެ.