ތިމާވެށި

މަދިރި އާލާވާނެ ފަދަ ތަންތަން ނައްތާލުމަށް އިލްތިމާސް ކޮށްފި


މިދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުން ފެތުރެމުންދާތީ ޑެންގީ މަދިރި އާލާވާނެ ފަދަ ތަންތަން ނައްތާލުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީން- އީޕީއޭ- އިން އިލްތިމާސްކޮށްފިއެވެ.އެ އެޖެންސީން މިކަމަށް އިލްތިމާސްކޮށް ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ފެން ހަރުލާގޮތައް ހުންނަ ތަންތަން ވީ އެންމެ އަވަހަކަށް ސާފްކޮށް އެތަންތަނުގައި ފެން ހަރުނުލާނެ ގޮތައް ބެހެއްޓުމަށް، ޕާކްތަކާއި އެހެނިހެން ހުސް ބިންތަކުގައި މަދިރި އާލާވާނެ ފަދަ ތަންތަން ސާފްކުރުމަށް އެސަރަހައްދުތައް ބެލެހެއްޓުމާއި ހަވާލުވެފައިވާ ފަރާތްތަކަށް އީޕީޢޭއިން ވަނީ އިލްތިމާސްކޮށްފައެވެ.ރަށްރަށުގެ ވޭސްޓްމެނޭޖްމެންޓް ސެންޓަރ ތަކަކީ ގިނައަދަދަކަށް ފުޅިއާއި ދަޅާއި އަދި މިނޫންވެސް ފެންހަރުލާފަދަ ތަކެތި ޖަމާވަމުންދާތަނެއް ކަމުގައިވާތީ ވޭސްޓް މެނޭޖްމަންޓް ސެންޓަރތައް ބެލެހެއްޓްމާއި ހަވާލުވެފައިވާ ފަރާތްތަކުން މިކަން ބަލައި ފެން ހަރުލާތަކެތި ސާފްކޮށް މަދިރި އާލާވިޔަ ނުދިނުމަށް މަސައްކަތް ކޮށްދިނުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.މީގެ އިތުރުން ނުނިމި ހުރި އިމާރާތްތަކާއި، އިމާރާތްތަކުގެ ދިޔަދޮވި ތަކަކީ ފެން ހަރުލާ ގޮތަށް ހުންނަތަންތަން ކަމުގައިވާތީ އިމާރާތްތަކުގައިވާ ދިޔަ ދޮވިތައް ސާފްކޮށް ބެލެހެއްޓުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އިލްތިމާސްކުރެއެވެ. އަދި ހަދަން ފަށާފައިވާ އިމާރާތްތަކަށް އީޕީއޭގެ އޮފިސަރުން ޒިޔާރަތްކޮށް މަދިރި އާލާވާނެ ފަދަތަންތަން ހުރިތޯ ޗެކްކުރަމުން ގެންދާނެކަމަށް އެ އެޖެންސީން ބުނެފައިވެއެވެ. އަދި މި ފަދަ އިމާރާތްތަކަށް ޒިޔާރަތް ކުރަމުންދާއިރު ފުރިހަމަ އެއްބާރުލުން އެ އެޖެންސީއަށް ދިނުމަށް އެ އެޖެންސީން އިލްތިމާސްކޮށްފައިވެއެވެ.