ޚަބަރު

ދިވެހި ފިލްމް އެވޯޑް 9 - މިފަހަރު ޔޫއްޕެ އާއި ރިޝްމީގެ ފަހަރެއް


"ދިވެހި ފިލްމް އެވޯޑް 9" ވެގެންދިޔައީ މަޝްހޫރު ފިލްމީތަރި ޔޫސުފު ޝަފީޢު (ޔޫއްޕެ)އާއި ރިޝްމީ ރަމީޒުގެ ފަހަރަކަށެވެ. ބޮޑު ބްރޭކަކަށްފަހު ފިލްމީ މަސައްކަތަށް ނުކުތް ޔޫއްޕެ ގިނަ އެވޯޑްތައް ގެންދިޔައިރު، ޤައުމީ އެވޯޑާއެކު މި އެވޯޑް ހަފްލާއަށް ދިޔަ ރިޝްމީއަށްވެސް މިހަފްލާވެގެންދިޔައީ އުފާވެރި ޙަފްލާއަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފްވެރިކޮށްދެއްވި "ދިވެހި ފިލްމް އެވޯޑް 9"ގެ އެންމެ މޮޅު ފިލްމަކަށް ހޮވުނީ ރިިޝްމީގެ ޢާއިލީ ޕްރޮޑަކްޝަން ހައުސް، ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން ރިޝްމީ ޕްރޮޑިއުސްކޮށް އޭނާގެ ފިރިމީހާ ރަވީ ފާރޫޤު ޑައިރެކްޓުކުރި ވިޝްކާއެވެ.

މި ފިލްމަށްވަނީ ފިލްމް އެވޯޑްގެ 7 ކެޓަގަރީއަކުން އެވޯޑް ލިބިފައެވެ. މި އެވޯޑް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސެސް ޝިދާތާ ޝަރީފްއެވެ. މި ފިލްމްގެ ޕްރޮށިއުސަރ އަދި ފިލްމްގެ ލީޑް އެކްޓްރެސް އައިޝަތު ރިޝްމީއަށްވަނީ މިފިލްމުން އެންމެ މޮޅު އަންހެން އެކްޓަރުގެ އެވޯޑްވެސް ލިބިފައެވެ.

ވިޝްކާއަށް އެވޯޑް ލިބުނު 7 ދާއިރާ

  • އެންމެ މޮޅު ފިލްމް
  • އެންމެ މޮޅު އެކްޓަރ އަންހެން - އައިޝަތު ރިޝްމީ
  • އެންމެ މޮޅު ސިނަމެޓޮގްރަފީ - އަޙްމަދު ޝާމިން ނިޒާމް
  • އެންމެ މޮޅު ސައުންޑް ޑިޒައިން - މުޙައްމަދު އިކްރަމް
  • އެންމެ މޮޅު އަރޓް ޑައިރެކްޝަން - އަޙްމަދު މުޙައްމަދު
  • އެންމެ މޮލު ކޮސްޓިއުމް ޑިޒައިނަރ - އާމިނަތު ނޫރާ/ ރިއްފަތް / ވިޝާމް
  • އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ - މަރިޔަމް ރިފްޤާ ރަޝީދް

މިފަހަރުގެ ދިވެހި ފިލްމް އެވޯޑްގައި ދެން އެންމެ ފާހަގަކޮށްލެވުނީ ބޮޑު ބްރޭކަކަށްފަހު ފިލްމީ މަސައްކަތަށް ނުކުތް މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީޢު (ޔޫއްޕެ)އެވެ. ޔޫއްޕެގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ޔޫއްޕެ ޕްރޮޑަކްޝަނުން ގެނެސްދީ އޭނާ އަމިއްލައަށް ޑައިރެކްޓްކުރި ފިލްމް "ދެވަންސޫރަ"އަށްވެސް ގިނަ އެވޯޑްތަކެއް ލިބުނެވެ.

"ދެވަންސޫރަ"އަށް ލިބިފައިވާ އެވޯޑްތައް

  • އެންމެ މޮޅު ޑައިރެކްޓަރ – ޔޫސުފް ޝަފީޢު
  • ބެސްޓް އެކްޓަރ ފިރިހެން ލީޑިންގ ރޯލް - ޔުސުފް ޝަފީއު
  • އެންމެ މޮލު ސްކްރީން ޕްލޭ (ދެވަންސޫރަ) - ޔޫސުފް ޝަފީއު
  • އެންމެ މޮޅު އެޑިޓިންގ (ދެވަންސޫރަ) - ޔޫސުފް ޝަފީއު

މީގެ އިތުރުން ފާޠިމަތު ނަހުލާގެ ފިލްމް "ބޮސް"އަށް ވެސް ވަނީ 3 އެވޯޑެއް ލިބިފައެވެ.

"ބޮސް"އަށް ލިބުނު އެވޯޑްތައް

  • އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ - އަޙްމަދު ނަބީލް މުޙައްމަދު
  • އެންމެ މޮޅު ލިރިކްސް - "ހިތްއަވަސް ވާގޮތްވެޔޭ" މަޢުސޫމް ޝާކިރް
  • އެންމެ މޮޅު އަމިއްލަ ލަވަ - "ހިތް އަވަސް ވަގޮތްވެޔޭ" ފަތުޙުﷲ އަބްދުލްފައްތާހް

އިތުރު އެވޯޑްތައް

  • އެންމެ މޮޅު ބެކްގްރަންޑް ސްކޯ - އިސްމާއިލް ޢަދީލް (އިލްނޮއިސް)
  • ސަޕޯޓިންގ އެކްޓަރ އަންހެން - ޚަދީޖާ އިބްރާޙިމް ދީދީ (ވަކިން ލޯބިން)
  • އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ ފިރިހެން - ޢަލީ އާޒިމް (ހައްދު)

މި އެވޯޑްގައިވަނީ ޖޫރީންގެ ޚާއްސަ 2 އެވޯޑެއްވެސް ދީފައެވެ.

އެއީ: ސްޕެޝަލް ޖޫރީސް އައުޓްސްޓޭންޑިންގ ޕަރފޯމަރއެވެ. މިއެވޯޑް ލިބުނީ ޢަލީ އާޒިމަށެވެ. މިއެވޯޑް ލިބިފައިވަނީ ފިލްމް "ބޮސް"އާއި "ދެވަންސޫރަ" އާއި "މަލިކާ" އާއި "ހައްދު"ގައި އޭނާ ދައްކާފައިވާ މޮޅު އެކްޓިންގެ ސަބަބުންނެވެ.

މީގެ އިތުރުން ޖޫރީ ސްޕެޝަލް ޕްރައިޒް ވަނީ ފިލްމު "ވަކިން ލޯބިން"ގެ ތުއްތު ތަރި، މަރިޔަމް ޔަލާ ޝިފާޢަށް ލިބިފައެވެ. މިއީ ޔަންގް އަރޓިސްޓްގެ ގޮތުގައި "ވަކިން ލޯބިން"ފިލްމްގައި އޭނާ ދައްކާފައިވާ އެކްޓިންގއަށް ދީފައިވާ އެވޯޑެކެވެ.

މި ހަފްލާގައި ދިވެހި ފިލްމީ ދާއިރާއަށް 38 އަހަރު ޚިދުމަތްކޮށްދީފައިވާ މުޙައްމަދު ރަޝީދު(ދަރާ ރަޝީދު)އަށްވަނީ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ލިބިފައެވެ. މި އެވޯޑް މުޙައްމަދު ރަޝީދާއި ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. އޭނާގެ ފިލްމީ ކެރިއަރ ފަށާފައިވަނީ 1981ގައެވެ. ދަރާ ރަޝީދުވަނީ މިހާތަނަށް 33 ފީޗަރ ފިލްމް ކުޅެފައެވެ. އަދި މިހާރުވެސް ގެންދަވަނީ މި ދާއިރާއަށް ޚިދުމްތ ކުރައްވަމުންނެވެ.

މިއަހަރުގެ އެވޯޑްގައި 12 ފީޗަރ ފިކްމާއި 1 ކުރު ފިލްމް ހުށަހަޅާފައިވެއެވެ. އެވޯޑްގެ ފަނޑިޔާރުކަން ކޮށްފައިވަނީ 7 މެންބަރުންގެ ޖޫރީ ޕެނަލްއަކުންނެވެ.