ސިއްހަތު

ޑެންގީ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް


ރާއްޖޭގައި ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށާއި، މިކަމުގައި ފަރުދީ ފެންވަރުގައި ވަރަށް ބޮޑަށް އެއްބާރުލުން ބޭނުންވާކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ޓާސްކްފޯސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް  މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ، މިބައްޔަށް އާންމުން ހޭލުންތެރިކުރުމަށް މީޑިއާގެ އެހީތެރިކަންވެސް ބޭނުންވާކަމަށެވެ.ރާއްޖޭގައި ޑެންގީގެ ހާލަތާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ބަލި ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށާއި އެކަމާ ދެކޮޅަށް ސަރުކާރުން ވެސް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. ނަމަވެސް މި ހުން އެންމެ ބޮޑަށް ފެތުރިގެން ދިޔަ، ދެހާސް އެގާރަ ވަނަ އަހަރާ އަޅާ ބަލާއިރު މި އަހަރު މި ބަލި ފެތުރެމުން ދަނީ މެނޭޖްކުރެވޭ ހިސާބެއްގައި ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.މިބަލި ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ރަށްރަށުގައި މަދިރި ނައްތާލުމަށް ޚާއްޞަ ސަމާލުކަމެއްދީގެން ފޮގް ކުުރުމުގެ މަސައްކަތް ފަށާފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އާއްމު ފަރުދުންވެސް ގެއާއި ގޯތިތެރެ ސާފުތާހިރުކޮށް ބޭއްވުމާއި މަދިރި އާލާވާތަންތަން ނައްތާލުމަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.މީގެ އިތުރުން މިހާރު ރަށްރަށަށް ޑެންގީ ހުން ޓެސްޓްކުރުމަށް ބޭނުންވާ ކިޓްތައް ފޮނުވިފައިވާ ކަމަށާއި ، ޑެންގީ އަށް މީހަކު ޕޮޒިޓީވްވެ ފަރުވާ ދިނުމަށް މާލެ ނުވަތަ ހޮސްޕިޓަލަކަށް ގެންދަންޖެހިއްޖެ ނަމަ ސީ އެމްބިއުލަންސްގެ ޚިދުމަތްވެސް އާސަންދައިން ހަމަޖެހިގެންދާނެކަމަށް މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.މިބައްދަލުމުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި މާލޭގައި ކޮންސްޓްރަކްޝަން ސައިޓްތައް ސާފުކުރަން ޖެހޭކަމަށާއި، އިމާރާތްތަކުގެ ވެރިން އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އަދި މަދިރި ނައްތާލުމަށްޓަކައި ފޮގް ކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކު ފަތިހު ފަސްގަޑި ބައިންފެށިގެން ހެނދުނު މާލޭގެ ހުސްބިންތަކާއި އާއްމުން އާންމުކޮށް އެއްވެ އުޅޭ ސަރަޙައްދުތަކުގައި ކުރިއަށް ދާކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.ޓާސްކްފޯސްގައި ހިމެނިވަޑައިގަންނަވާ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ޓާސްކްފޯހުގެ އަމާޒަކީ މިބަލި މިހާރު ފެތުރެމުންދާ ވަރަށް ވުރެ ބޮޑަށް އެބަލި އިތުރަށް ފުތުރުނަ ނުދީ ކޮންޓްރޯލްކުރުންކަމަށްވާތީ  ރައްރަށުގެ ރަށު ކައުންސިލް ތަކާއި ޖަމިއްޔާ ޖަމާއަތްތަކުން މިބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެއްބާރުލުން ދޭންޖެހޭކަމަށެވެ.ރާއްޖޭގައި މިހާރު އެންމެ ބާރަށް ޑެންގީ ފެތުރެމުން ދަނީ ށ. އަތޮޅާއި ނ. އަތޮޅާއި. ރ. އަތޮޅާއި ބ. އަތޮޅުގެ އިތުރުން ގދ. އަތޮޅުގައެވެ. އަދި މާލެ އާއި ހުޅުމާލޭގައި ވެސް ގިނަ އަދަދަކަށް މީހުންނަށް މި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.މިބަލި ކޮންޓްރޯލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ޓާސްކްފޯސްގައި ހިމެނިވަޑައިގަންނަވަނީ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަރު ޝިހާމާއި، ހޯމް މިނިސްޓަރ އުމަރު ނަސީރާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމާއި، ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިންވަހީދުއެވެ.ޑެންގީ އާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ އެޗްޕީއޭގެ ހޮޓްލައިން 7548221 އަށް ގުޅުއްވުމަށް ހެލްތްމިނިސްޓްރީން އެދިވަޑައިގަންނަވައެވެ.