ވިޔަފާރި

ކުންފުނީގެ މެންޑޭޓަކީ ފަތުރުވެރިކަން ޕްރޮމޯޓްކުރުން، ފައިދާ ހޯދުމެއް ނޫން - އެމްއެމްޕީއާރްސީ


އެމްއެމްޕީއާރްސީން އެންމެބޮޑު އިސްކަމެއްދެނީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށްކަމަށާ، އެކުންފުންޏަށް ލިބޭ ފައިދާ އިތުރުކުރުމަށް ނޫންކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޠައްޔިބު ވިދާޅުވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ނެރެފައިވާ ރިޕޯޓުގައި އެމްއެމްޕީއާރްސީއަށް ގެއްލުން ވެފައިވާކަމަށް ވިދާޅުވެފައި ވީނަމަވެސް އެމްއެމްޕީއާރްސީއަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެއްކަމުން އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދާނީ މިޚިދުމަތްތައް ދިނުމަށްކަމަށެވެ.

ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން ވަރަށް ރަނގަޅު ކުރިއެރުންތައް ލިބެމުންދާކަމަށާ، މިއީ ހައްތަހާވެސް ކުންފުންޏަށް ލިބޭ ފައިދާކަމަށް ޤަބޫލުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ވިޔަފާރި ކުންފުންޏެއް ނޫން. ޙަޤީޤަތުގައި ވިޔަފާރި ކުންފުންޏެއްގެ ގޮތުގައި ހިންގާނަމަ ހަމަ ގެއްލުމަކާއި ނުލައި ވެސް ހިންގޭނެ. އެކަމު އެއީ އެއް ނޫން ސަރުކާރުގެ ސިޔާސަތަކީ. އަޅުގަނޑުމެންނާއި ހަވާލުވެފައި އޮތް މެންޑޭޓަކީ ސަރވިސްއެއް ދިނުން. އަޅުގަނޑުމެން މިކުރާ ޚިދުމަތަކީ ގެއްލުމެއް ނޫން. މިއީ ފައިދާ އެހެންނޫންތޯ." ޠައްޔިބު ވިދާޅުވިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރގައި ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތް ގޮސްފައިވާގޮތުގެ މާލީ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްއެމްޕީއާރުސީއަށް ވަނީ 18 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަސް ލިބުނީ 57.86 މިލިއަން ރުފިޔާއެވެ. އަދި ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނީ 39.8 މިލިއަން ރުފިޔާއެވެ.

އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެވެ. 2ވަނަ ކުއާޓަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ 21 ހަރަކާތެއް ހިންގާފައިވާކަމަށް ޕީސީބީގެ ރިޕޯޓުން ދައްކައެވެ.