ޚަބަރު

ރާއްޖޭގެ 5 ސަރަހައްދަކަށް އެއަރ ބެޑްމިންޓަން ތައާރަފުކުރަނީ


ރާއްޖޭގައި އަލަށް ތައާރަފުކުރި އެއަރ ބެޑްމިންޓަށް އަތޮޅުތެރެއަށް ފުޅާކޮށް ގިނަ ރަށްތަކުގައި ކޯޓްތައް އެޅުމަށް ނިންމާފައިވާކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދު ވިދާޅުވެއްޖެއެވެ. ދުނިޔޭގައި އަލަށް ތައާރަފުވަމުން އަންނަ އެއަރ ބެޑްމިންޓަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފުކޮށްފައި ވަނީ މިހާރު ކުޅުދުށްފުށީގައި ކުރިޔަށްދާ ބީޗް ގޭމްސްގެ ތެރެއިންނެވެ.

ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަނުން އަލަށް ތައާރަފުކުރަމުން އަންނަ އެއަރ ބެޑްމިންޓަން އަކީ ދިވެހިން ފޫހިފިލުވާލުމުގެ ގޮތުން ގޭ ދޮށުގައި ނުވަތަ ޕިކްނިކް ދަތުރުތަކުގައި ބެޑްމިންޓަން ކުޅެމުން އަންނަ ގޮތަށް ބަދަލުތަކެއް ގެނެސް ތައާރަފުކުރާ ކުޅިވަރެކެވެ. މި ގޮތުން ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ ކުޅޭ ބޯޅައާއި ސެޓްތަކުގައި ޕޮއިންޓް ލިބޭ އުސޫލާއި ސެޓްތަކުގެ ދިގުމިނަށް ގެނެސްފައިވާ ބަދަލުތަކެވެ.

އެއަރ ބެޑްމިންޓަން ރާއްޖޭގައި ތާއަރަފުކޮށްފައި މިވަނީ މި ކުޅިވަރު ދުނިޔޭގައި ތައާރަފުކުރި ތިންވަނަ ޤައުމެއްގެ ގޮތުގައެވެ. 

ބެޑްމިންޓަން އެސޯސިއޭޝަން ރައީސް މުސާ ނާޝިދު ވިދާޅުވީ މާލެއަށް ވުރެ ރަށްރަށުގައި ހުސް ޖާގަތައް ގިނަވުމުން އެއަރ ބެޑްމިންޓަން ބޮޑަށް ކުރިއަރައިގެން ދާނީ އަތޮޅުތަކުގެ ތޭރޭގައިކަމަށެވެ. ބައެއް ރަށްރަށުން މިހާރުވެސް މި ކުޅިވަރު ތައާރަފުކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށް ނާޝިދު ވިދާޅުވިއެވެ. އެގޮތުން މި ކުޅިވަރު ކުޅުމަށް ބޭއްނުންވާ ކޯޓްތައް ރަށްރަށުގައި އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި ވީހާވެސް ގިނަ ރަށެއްގައި ވަރަށް އަވަހަށް ކޯޓްތައް އަޅާނެކަމަށްވެސް ނާޝިދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ މި ކުޅިވަރު ކުރިއެރުވިދާނެކަން އަންނަ ފެބްރުއަރީގައި އޮންނަ ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަނުންގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހުށައެޅުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް ނާޝިދު ވިދާޅުވިއެވެ.

“ ކުޅުދުއްފުށީގައި މިހާރު އެޅި މިކޯޓަކީ ދާއިމީ ކޯޓެއް މިރަށުގެ ރައްޔިތުންނަށް ކުޅުމަށް މިކޯޓް މިވަނީ ހާއްސަ ކުރެވިފަ. އެއަރ ބެޑްމިންޓަން ކުޅުމަށް ބޭނުންވާ ސާމާނުވެސް މިހާރު މިވަނީ ޑަބްލިއު ސްޕޯޓްސް އެކަޑަމީއަށް ހަވާލް ކުރެވިފަ. އަޅުގަނޑުމެންގެ ވިސްނުން ހުރީ ރާއްޖޭގެ 5 ސަރަހެއްދެގައި މިކުޅިވަރު ތަޢާރަފް ކުރަން. އެއީ ކުޅުދުއްފުށި ހިމެނޭ އިތުރު ޒޯން، މެދުއިތުރު ޒޯން، މާލޭ ހިމެނޭ ސެންޓްރަލް ޒޯން، ސައުތް ސެޓްރަލް އަދި ސައުތް ޒޯން. މި5 ޒޯނަށް ކުޅިވަރު ބެހިގެންދާނީ. ނެޝަނަލް ޕްލޭންއާއިއެކު މިހާރު އަޅުގަނޑުމެންވެސް މިވަނީ ބެޑްމިންޓަންގެ ޕްލޭން މި5 ޒޯނަށް ބަދަލްކުރެވިފަ.” ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދު ވިދާޅުވިއެވެ.

އަލަށް ތައާރަފުކުރި އެއަރ ބެޑްމިންޓަން ކުޅުމަށް ބޭނުންކުރަނީ އެކަމަށް ހާއްސަކޮށް ވައިގެ ތެރޭގައި ކުޅެވޭގޮތަށް ފަރުމާކޮށްފައިވާ ބޯޅައަކުންނެވެ. އަދި އާދައިގެން ބެޑްމިންޓަނާއި ތަފާތުކޮށް މި ކުޅިވަރުގައި ސެޓެއްގެ ދިގުމިނަކީ ހަތް ޕޮއިންޓެއެވެ. އެއްފަހަރާ ތިން ކުޅުންތެރިންނަށްވެސް ކުޅެވޭ މި ކުޅިވަރި ކުޅުދުށްފުށީގައި އަލަށް ތައާރަފުކުރި އެރަށުންވެސް މި ކުޅިވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ބެޑްމިންޓަނަކީ ރާއްޖޭގައި ގިނަ ބަޔަކު ކުޅެމުން އަންނަ ކުޅިވަރެކެވެ. އަދި މި ކުޅިވަރުން ރާއްޖެ އަންނަނީ ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތައްވެސް ހޯދަމުންނެވެ.