ކުޅިވަރު

ކާމިޔާބީގެ ހަގީގީ ހައްޤުވެރިންނަކީ ހުރިހާ ކުޅުންތެރިން - ފައިސަލް


ސެންޓްރަލް ޒޯން މުބާރާތުން ހޯދި ރިހި މެޑައްޔަކީ އަހަރުތަކެއް ވާންދެން ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާކަމަށް ސީނިއާ އަންހެން ޤައުމީ ވޮލީބޯޅަ ޓީމުގެ ހެޑް ކޯޗް މުޙައްމަދު ފައިސަލް ބުނެފިއެވެ.

އޭވީސީ ސެންްޓްރަލް ޒޯން ސީނިއާ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ނޭޕާލް އަތުން ބަލިވެ ރާއްޖެއަށް ރިހި މެޑަލް ލިބިފައިވާއިރު މިއީ ދިވެހި ވޮލީގެ ތާރީޚުގައިވެސް ބައިނަލްއަގްވާމީ މުބާރާތަކުން އަންހެން ވޮލީބޯޅަ ޓީމަށް ރިހި މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. މި ކާމިޔާބީއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ކޯޗް މުޙައްމަދު ފައިސަލް ބުނީ، މިއީ މިކުޅުންތެރިން މީގެ ފަސް އަހަރު ކުރިން ދެކެންފެށި ހުވަފެނެއް ކަމަށާއި، މިކާމިޔަބީއަކީ އެ ކުޅުންތެރިން ހިތްވަރާއިއެކު ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ.

ފައިސަލް ބުނީ ފައިނަލް މެޗު ކާމިޔާބުކޮށް ރަންމެޑަލް ނުލިބުނަސް މިއީ ދިވެހި ވޮލީބޯޅައަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، މި ކާމިޔާބީގެ އަސްލު ސިއްރަކީ ކުޅުންތެރިން އެއް އަޒުމެއްގައި މަސައްކަތްކޮށް މި ހުވަފެން ހަގީގަތަކަށް ހަދަން ކުރި ބުރަ މަސައްކަތްކަމަށެވެ.

"އެންމެ ފުރަތަމަވެސް މިވަރުގެ ކާމިޔާބީއެއް ލިބުނީތީ ﷲ އަށް ހަމްދުކުރަން. ދެން މިއީ މި ކުޅުންތެރިން ކުރި ބުރަ މަސައްކަތާއި އޮހޮރުވި ދަލުން ލިބުނު ފޮނި ނަތީޖާ، މިއީ މީގެ ގާތްގަނޑަކަށް ފަސް އަހަރު ކުރުން ފެށިގެން މިކުދިން ދެކެމުންއައި ހުވަފެނެއް. އިރާދަކުރެއްވިޔާ މިއީ އެ ހުވަފެން ހަގީގަތަށްވީ ދުވަސް.." ފައިސަލް ބުންޏެވެ.

ފައިނަލް މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ކޯޗް ފައިސަލް ބުނީ، ނޭޕާލްގެ ކުޅުން ވަރަށް ވަރުގަދަ ކަމަށާއި އެޓީމުން ކުޅެނީ ވަރަށް އަވަސް ގޭމެއް ކަމަށެވެ. އަދި އެޓީމުގެ ސަރވިސްތައްވެސް ފައިނަލް މެޗުގައި ވަރަށް ވަރުގަދަ ކަމަށާއި ނޭޕާލް އާއި ވާދަކުރެވޭނީ އަދި ރާއްޖެއަށް ވަރަށް ބައިވަރު ކަންކަން ރަނގަޅުކޮށްގެން ކަމަށްވެސް ކޯޗް ފައިސަލް ބުންޏެވެ.

"ނޭޕާލް އަސްލު ވަރަށް ވަރުގަދަ، އެމީހުން ކުޅެނީ ވަރަށް ފާސްޓު ގޭމެއް، ސާވިސްތަށްވެސް ވަރަށް ކޮލިޓީ.. ނޭޕާލް އާއި އަޅުގަނޑުމެން ވާދަކުރެވޭވަރުވާން އަދި ދުވަސްކޮޅެއް ނަގާނެ.." ފައިސަލް ބުންޏެވެ.

ފައިނަލް މެޗުގައި ރާއްޖެ ނޭޕާލް އަތުން ބަލިވިއިރު ނޭޕާލް އަކީ މިފަހަރުގެ މުބާރާތުގައި ހަމައެކަނި ރާއްޖެއަށް ބަލި ނުކުރެވުނު ޓީމެވެ. ފައިނަލް މެޗުގެ ކުރިން ލީގުބުރުގެ ފަހު މެޗުގައި ނޭޕާލް އާއި ވާދަކުރި މެޗުވެސް ކާމިޔާބުކުރީ ސީދާ ތިންސެޓުން ނޭޕާލްއެވެ.