ހައްދުންމަތީ އިސްދުއާއި ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެކަށޭނަ މަސައްކަތުގެ މާޙައުލެއް ކަށަވަރުކުރުމަށްޓަކައި ކައުންސިލްތަކުގެ އިދާރާތަކުގެ އާބާތުރަ ފިލުވައި، އިދާރާތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނަސާ ލިންކް ޕްރައިވެޓް ލިމިޓެޑާއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަފީޤް މަޙްމޫދެވެ. އަދި ނަސާ ލިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޢަބުދުއްރަޙްމާނެވެ. 360 ދުވަހުގެ ތެރޭގައި ނިންމުމަށް ނަސާ ލިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މި މަޝްރޫޢުގެ އަގަކީ 5.8 މިލިޔަން ރުފިޔާއެވެ.
މި އެއްބަސްވުމުގެ ދަށުން ޅ.ނައިފަރުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައި ޢިމާރާތުގައި، ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭނުންވާ ޖާގައިގެ އިތުރުން ކޮންފަރެންސް ހޯލަކާއި މީޓިން ރޫމް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސައްކަތްތަކަށް ބޭނުންވާ ޖާގަ ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ރަށުގެ އިޖުތިމާޢީ އެކި ބޭނުންތަކަށް ބޭނުންކުރެވޭ ޖާގައަކާއި މުވައްޒަފުން ނަށްބޭނުންވާ އިތުރު ވަސީލަތްތައްވެސް މި ޢިމާރާތުގައި ހަމަޖެހިފައި ހުންނާނެއެވެ.
މީގެ އިތުރުން ހައްދުންމަތީ އިސްދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޔުނި އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަފީޤް މަޙްމޫދެވެ. އަދި ޔުނި އިންޖިނިއަރިންގ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބުރާހީމް އިޒުހާނެވެ. 285 ދުވަހުގެ ތެރޭގައި ނިންމުމަށް ޔުނި އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މި މަޝްރޫޢުގެ އަގަކީ 3.5 މިލިޔަން ރުފިޔާއެވެ.
މި އެއްބަސްވުމުގެ ދަށުން ލ. އިސްދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައި ޢިމާރާތުގައި، ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭނުންވާ ޖާގައިގެ އިތުރުން ކޮންފަރެންސް ހޯލަކާއި މީޓިން ރޫމް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސައްކަތްތަކަށް ބޭނުންވާ ޖާގަ ހަމަޖެހިފައިވެއެވެ.