ޚަބަރު

ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމަށް މުހިންމު މަސައްކަތްތަކެއް ވަނީ ފަށާފައި


ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް އަށްޑިހަ ހަތަރު އިންސައްތަ މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ޝިކާރައަކަށްވާ މީހުންނެވެ. މިފަދަ ބަލިތަކުގެ ތެރެއިން ހަކުރު ބައްޔަކަކީ ރާއްޖޭގައި އެންމެ ޢާއްމު އެއްބައްޔެވެ. އަދި އެބަލީގެ ނުރައްކާ ތަޙައްމަލުކުރުން އެނެމްބޮޑު އެއްބައްޔަކީވެސް ހަކުރު ބައްޔެވެ.

ހަކުރު ބަލީގެ މައްސަލަ އެންމެ ބޮޑުވާ އެއް ސަބަބަކަށް ވެފައިވަނީ ތިމާގެ ދިރިއުޅުމުގެ އާދަތަކެވެ. ގައިންގަޔަށް ނާރާ ބަލިތަކަށް ހުށައެޅޭ ހިރާސްތަކަށް ބަލާއިރު %42 ފިރިހެނުން އަދި %3 އަންހެނުން ދުންފަތުގެ އިސްތިއުމާލްކުރެއެވެ. %49 ފިރިހެނުން އަދި %60 އަންހެނުންނަކީ އިސްކޮޅާ އަޅާކިޔާއިރު ހުންނަންވާ މިންވަރަށްވުރެ ބަރުދަން އިތުރު މީހުންނެވެ. %59 ފިރިހެނުންނާއި %88 އަންހެނުންނަކީ އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތުކޮށް ނޫޅޭ މީހުންނެވެ. އަދި %2.3 ފިރިހެނުންނާއި އަދި %4.3 އަންހެނުންނަކީ ލޭމައްޗައްދާ ބަލި ހުންނަ މީހުންނެވެ.

އެހެންކަމުން ސިއްޙަތަށް ގެއްލުންހުރި އާދަތަކުން ޢާއްމުން ދުރުހެލިކުރުމަށް ސަރުކާރުންވެސްދަނީ ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމުގެ ޤައުމީ ޕްލޭނެއް މިހާރުވެސް ތަމްފީޒުކުރަމުން އަންނައިރު، މީގެތެރެއިން ކުރެވޭ މަސައްކަތް ހަރުދަނާކުރުމަށް އަލުން މި ޕްލޭން މުރާޖަޢާ ކުރުމަށްވަނީ ނިންމާފައެވެ. އަދި ހެލްތް ސްކްރީނިންގެބައި އިތުރުކޮށް ހަރުދަނާކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. ސަރުކާރުން އަމާޒުހިފާފައިވަނީ ގައިންގަޔަށްނާރާ ބަލިތަކުގެ ނިސްބަތް 2025ވަނަ އަހަރާއި ހަމައަށްދާއިރު %25އަށް ދަށްކުރުމެވެ.

ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަސްރަތާއި ހެލިފެލިވެ އުޅުމަށް ބާރުއެޅުމުގެގޮތުން ރާއްޖޭގެ ރަށްތަކުގައި އައުޓްޑޯރ ޖިމް ޤާއިމުކުރަމުންދެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވާން ބޭނުންވާ މީހުންނަށް ސެޒޭޝަން ކްލިނިކްތަކުން ޚިދުމަތް ލިބޭނެގޮތްވަނީ ހަމަޖައްސާފައެވެ. އަދި ސިނގިރޭޓާއި ބިޑި ވަކިވަކިން ވިއްކުން މަނާކޮށް، ފޮޓޯ ޖެހި އިންޒާރުވަނީ ތަޢާރަފު ކޮށްފައެވެ.

ޞިއްޙަތަށް ފައިދާހުރި ކަނާގެ މަޢުލޫމާތާ، އެފަދަ ކާނާ ތައްޔާރުކުރާނެގޮތުގެ މަޢުލޫމާތުވަނީ، ފަސޭހައިން ލިބޭނެހެން ޢާއްމު ކޮށްފައެވެ. ގައިންގަޔަށް ނާރާ ބަލިތައް ދުރާލައި ދެނެގަތުމަށް ސްކްރީން ކުރުމާއި، ބަލިތަކަށް ފަރުވާދިނުމުގައި ޢަމަލުކުރާނޭ އުޞޫލުތައް އެކަށައަޅާ ބައެއް އަތޮޅުތަކުގައި މިއުޞޫލާ އެއްގޮތަށް ޢަމަލުކުރަންވެސްވަނީ ފަށާފައެވެ.

ހަކުރު ބަލީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު 14ވަނަ ދުވަހުއެވެ. ހަކުރުބަލީގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކަށް ކަނޑައަޅާފައިވަނީ "ހަކުރު ބައްޔާއި އާއިލާ"މިއެވެ. މި އަހަރުގެ މި ދުވަސް ފާހަގަކުރުމުގެ ތެރެއިން ޙާޞިލުކުރުމަށް އަމާޒުކުރެވޭ އެންމެ މުހިންމު ކަމަކީ ހަކުރުބަލިން ރައްކާތެރިވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމާއެކު ތިމާއާއި އާއިލާއަށް ކެއިން ބުއިމާއި ކަސްރަތުގެ ތެރެއިން ކުރެވޭނެ ކަންކަމާމެދު ހޭލުންތެރިކަން އިތުރު ކުރުމެވެ.